މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާނެ ފޭވަރިޓް ޓީމެއް ނެތް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ބުނެފި އެވެ.
ވޯލްޑްކަޕްގެ ގަދަ 16 ގައި މިރޭ މިސްރާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްކެލޯނީ ބުނެފައިވަނީ މި ފަހަރުގެ ވޯލްޑްކަޕުގެ މެޗުތަކަކީ އެއްވެސް ޓީމަކަށް ފަސޭހަ މެޗުތަކެއް ނޫން ކަމަށާއި ވަރުގަދަ ޓިމުތަކެއް މިހާރުވެސް ކަޓައިގެން ގޮސްފައިވާ ކަމަށެވެ.
ސްކެލޯނީ މިހެން ބުނެފައިވާއިރު އެ ޓީމަށްވެސް ގަދަ 16 ގެ ޖާގައެއް ލިބިފައިވަނީ ވޯލްޑްކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑް އާއި ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެނެވެ. އެ މެޗަކީ އާޖެންޓީނާއަށް ފަސޭހަ މެޗެއް ނޫނެވެ.
އެންމެ ފަހުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު ފައިނަލުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު ފްރާންސް އިން ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެންނެވެ. އަދި ސްޕެއިން އަތުން 1-0 ގެ ނަތީޖައަކުން ބަލިވެ ޕޯޗުގަލް ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި މުބާރާތް ބާއްވާ އެމެރިކާވެސް ވަނީ މުބާރާތުގެ ގަދަ 16 އިން ކަޓައިގެން ގޮސްފަ އެވެ. މީގެ އިތުރުން ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް އާއި ޖަރުމަން ވެސް ވަނީ ވޯލްޑްކަޕުގެ ނޮކްއައުޓް ބުރުން ކަޓައިގެން ގޮސްފަ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މި ފަހަރުގެ ވޯލްޑްކަޕްގައި ފޭވަރިޓެއް ނެތް. ކުރިން އުންމީދުކުރި ޓީމުތަކެއް މިހާރަކު ނެތް ވޯލްޑްކަޕްގައި." ސްކެލޯނީ ބުންޏެވެ.
ސްކެލޯނީ އިތުރަށް ބުނެފައިވަނީ އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގައި ދައްކާފައިވާ ކުޅުމާއި އަދި ނަތީޖާ ތަކާއިމެދު ހިތްހަމަ ޖެހޭ ކަމަށެވެ.