ޚަބަރު

އުނދަގުލުން މެކްސިކޯ ބަލިކޮށް، އިންގްލެންޑް ކުއާޓަރ ފައިނަލަށް


  • އިންގްލޭންޑް 3 - 2 މެކްސިކޯ

  • ކުއާޓަރ ފައިނަލުގައި އިންގްލެންޑް ވާދަކުރާނީ ނޯވޭއާ

  • އިންގްލޭންޑްގެ ލަނޑުތައް ޖަހައިދިނީ ބެލިންގަމް(2) އާއި ކޭން

އުނދަގުލުން މެކްސިކޯ ބަލިކޮށް، ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ.

1986 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި، މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި އިންގްލެންޑުން މެކްސިކޯ ބަލިކުރީ 3-2 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ މިނިޓްގެ ތެރޭގައި އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ މިޑްފީލްޑަރ ބެލިންގހަމް އެވެ.

ފުރަތަމަ ގޯލް ބުކާޔޯ ސަކާ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލީ 36 ވަނަ މިނިޓްގައެވެ. 38 ވަނަ މިނިޓްގައި ދެވަނަ ގޯލް ޖެހީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ބެލިންގހަމް ކޭންއަށް ބޯޅަ ދިނުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން، ދިން ހިއްގައިމު ބޯޅަ ގޯލަށް ފޮނުވާލީ ގޯލްއޭރިޔާ ރޮނގުމަތިންނެވެ.

ފުރަތަމަ ގޯލްވެސް ބެލިންގހަމް ޖެހީ އެހިސާބުންނެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ހޫލިއަން ކިއުނޮނެންސް އޭރިޔާ ތެރޭގައި ހުރެ ގޯލުގެ މަތީ ދާގަނޑުގައި ތައްކޮށްލި ބޯޅައިން ފަރަގު ކުޑަކުރިއެވެ. އެއީ ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައަކުން ތަނަވަސްކުރި ފުރުޞަތެކެވެ.

މިއީ ކިއުނޮނެންސް މުބާރާތުގައި ޖެހި 4 ވަނަ ލަނޑެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރައުލް ހިމެނޭޒްގެ ރަނގަޅު ދެ އެޓޭކެއް ފެނުނެވެ. ފުރަތަމަ ފޮނުވާލި ބޯޅަ އަރިމަތި ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. ދެވަނަ ބޯޅަ ކީޕަރު ޕިކްފޯޑް މަތަކުރިއެވެ.

މެޗު ފަށައިގެން 16 ވަނަ މިނިޓްގައިވެސް ހިމެނޭޒް މޮޅު ޑައިވް ހެޑިންގއެއް ގޯލަށް ފޮނުވާލިއެވެ. އެބޯޅައިގެ ހުރަހަކަށްވެސްވީ ކީޕަރު ޕިކްފޯޑެވެ.

ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި އިނގިރޭސިންނަށް ކުރިމަތިވީ އެއް ކުޅުންތެރިއަކު މަދުވުމުގެ މައްސަލައެވެ. އެއީ ކްއަންސާ މެކްސިކޯގެ ގަލާޑޯއަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ސީދާ ރަތްކާޑް ދެއްކުމުންނެވެ. އެކަމަކު ކޯޗު ޓުޗެލް ގެނައި ބަދަލުތަކާވެސް އެކު ލީޑް ގެއްލުނަ ނުދީ ފުޅާކުރިއެވެ.

އިންގްލެންޑުން ތިންވަނަ ލަނޑެއް ޖެހީ މެކްސިކޯ ކީޕަރު އެންތަނީ ގޯޑަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. ލަނޑު ޖެހީ ހެރީ ކޭން އެވެ. މިއީ ކޭން މުބާރާތުގައި ޖެހި 6 ވަނަ ގޯލެވެ.

މެޗު ނިމުމުގެ ކުރިން މެކްސިކޯއިން އަލުން ފަރަގު ކުޑަކުރީވެސް ޕެނަލްޓީއަކުންނެވެ. އެއީ ކޭން ގުޓިއެރޭޒް އަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ ރައުލް ހިމެނޭޒް އެވެ.

މިމޮޅާއެކު ކްއާޓާ ފައިނަލްގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ނޯވޭއާއެވެ. މިއީ މުބާރާތުގައި މެކްސިކޯ ބަލިވި ފުރަތަމަ މެޗެވެ. އަދި ކޮޅަށް ގޯލް ވަން ފުރަތަމަ މެޗުވެސް މެއެވެ.