އެއަރޕޯޓު ސްޓާފުންތަކަކަށް އިންޒާރު ދިންކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައުރު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިޑީއާއެއްގައި ބުނެފައިވަނީ، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިންޒާރުދީ ސެކިއުރިޓީ ފާސް ބޭނުންކުރުމާއި ގުޅޭގޮތުން ސަރކިއުލާއެއް ނެރެފައިވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، އެއަރޕޯޓަކީ ސެކިއުރިޓީ މަތީ ތަނެއްކަމުން އަބަދުވެސް ތަނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އެކި ކަންކަމާއި ގުޅޭގޮތުން ހަނދާން އައުކޮށްދީ ސަރކިއުލަރތައް ނެރޭ ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކުން މިއީ ވަކިކަމަކާއި ގުޅިގެން ނެރުނު ސަރކިއުލަރއެއް ކަމަށް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް އެފަދަ އެއްވެސް ޙާދިސާއެއް އެއަރޕޯޓުގައި ހިނގާފައިނުވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
މިކަމާއި ގުޅޭގޮތުން ރިޕޯޓުކޮށްފައިވާ މީޑިއާގައިވަނީ، އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް ސަރަޙައްދަށް ބައެއް މުވައްޒަފުން ގޮސް ފަސިންޖަރުންނާއި މުޢާމަލާތްކުރާ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތަކަށް ބުރުއަރާ ކަމަށް ބުނެފައެވެ. އެފަދަ ކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެސަރކިއުލަރގައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، އެއަރޕޯޓުގެ ސެކިއުރިޓީގެ ކަންކަމަށް އެންމެ އިސްކަންދޭނެ އެއްބަޔަކީ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދިނުމުގެ ގޮތުން އެތެރޭގެ ސަރކިއުލަރތައް އެމްއޭސީއެލްގައި އޮންނަ އުސޫލުގެ ދަށުން ނެރެމުންދާ ކަމަށެވެ. އެއީ، އަލަށް ކުރާކަމެއް ނޫންކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގެ މައިދޮރާއްޓެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ މިއެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުށްކުރާ މީހުންނަށް އޮންނަ ފުރުސަތު ހަނިކުރުމަށް ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ޔަޤީން ކުރުމަށް އެއަރޕޯޓުގެ ކަންކަން އޮންނަ އިންތިޒާމުތަކުގެ ދަށުން ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ.