ޚަބަރު

ސްވިޓްޒަލަންޑްގެ ޑިފެންސަށް އެޓީމުގެ ކޯޗު ޔާކިން ތައުރީފް ކޮށްފި


  • ސްވިޓްޒަލަންޑް އިން އަލްޖީރިއާގެ މައްޗަށް ކުރި ހޯދީ 2 ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ސްވިޓްޒަލަންޑް ޓީމުގެ ޑިފެންސަށް އެޓީމުގެ ކޯޗު މުރާތު ޔާކިން ތައުރީފް ކޮށްފިއެވެ.

ޔާކިން އެޓީމުގެ ޑިފެންސަށް ތައުރީފްކޮށްފައި މިވަނީ ވޯލްޑް ކަޕްގެ 32 ޓީމުގެ ބުރުގައި އަލްޖީރިއާ އާއި ބައްދަލުކޮށް 2 ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޔާކިން ބުނީ މިމެޗުގެ ހުރިހާ މަރުހަލާއެއްގައި އޭނާގެ ޑިފެންޑަރުންވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމަށް ހަމަލާއެއް އުފެއްދިޔަ ނުދީ ހިފަހައްޓާލާފައިވާފަކަމަށެވެ. އެހެން ކަމުން އެކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށެވެ.

ޔާކިން ބުނީ މިމެޗުގައި އަލްޖީރިއާއިން ދެއްކި ކުޅުމުގެ ސަބަބުން އޭނާގެ ކުޅުންތެރިން ވަރަށް ބޮޑަށް ފަހަތަށް ޖެހެން ޖެހުނު ކަމަށާއި އެހެން ކަމުން އެޓީމުގެ އަސްލު ކުޅުން ދެއްކޭގޮތް ނުވި ކަމަށެވެ. ނަމަވެސް މިހެން ވުމުގެ ސަބަބުން ލިބޭ ފުރުސަތުގައި ކުރިއަށް އެރުމުގައި ކޮންމެވެސް ވަރެއްގެ ހުސްޖާގަ ލިބިގެންދިޔަ ކަމަށާއި މިގޮތުން އެޓީމަށް ލަނޑު ޖެހުނީ މެޗުގެ ވަރަށް މުހިންމު ވަގުތެއްގައި ކަމަށް ޔާކިން ބުންޏެވެ. އަދި ލަނޑާއެކު ސްވިޓްޒަލަންޑް ޓީމުގައި ތިބި ތަޖްތިބާކާރު ކުޅުންތެރިންގެ ވިސްނުން ބޭނުންކޮށްގެން ރަނގަޅު ކުޅުމެއް ދައްކާ އިިދިކޮލު ޓީމަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލެވުނު ކަމަށެވެ.

ޔާކިން ބުނީ ފަހު 16 ޓީމުގެ ބުރުގައި ގާނާ އާއި ކޮލޮމްބިއާއިން ކުރެ ކޮންމެ ޓީމަކާއި ޖެހުނަސް ފަސޭހަ ނުވާނެކަމަށެވެ. އޭނާ ބުނިގޮތުގައި ގާނާ އާއި ކޮލޮމްބިއާއަކީ ތަފާތު ދެ ކުޅުމެއް ކުޅޭ ދެޓީމު ކަމަށާއި ވޯލްޑް ކަޕްގެ ނޮކް އައުޓް ބުރުތަކުގައި ފަސޭހަ އެއްވެސް މެޗެއް ނޯންނާނެކަމަށެވެ.

އަލްޖީރިއާގެ ކޯޗު ވްލަޑްމިއަރ ޕެޓްކޮވިޗް މެޗަށްފަހު ބުނީ މިމެޗުން އެޓީމު ބަލިވެފައިވަނީ އަމިއްލައަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ މިމެޗުގައި ގޯސް ހެދުނީ ކޮން ބަޔަކަށް ކަމެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިންނަށް ފަހަތުގައި ގޯސް ހެދުނު ކޮންމެ ފަހަރަކު ސްވިޓްޒަލަންޑް އިން ވަނީ މިމެޗުގައި ލަނޑު ޖަހާފަ ކަމަށެވެ. ޕެޓްކޮވިޗް ބުނީ 12 އަހަރަށްފަހު ވޯލްޑް ކަޕުން ޖާގަ ހޯދުމަކީވެސް ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި އަދި އަލްޖިރިއާގެ ތާރީހްގައި ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާ ފަހަނަ އަޅާ ދެވަނަ ފަހަރަށް ދެވުން މިއީ އެއަށްވުރެ ބޮޑު ކާމިޔާބީ އެއް ކަމަށެވެ. މިފަހަރުގެ މުބާރާތުގައި އެއަށްވުރެ ދުރައް ދިއުމަށް ވިސްނި ނަމަވެސް އެކަންވާގޮތް ނުވީކަމަށެވެ.