ޚަބަރު

ބޮޑީބިލްޑިންގުން ރާއްޖެއަށް ރަން މެޑައްޔެއް


  • ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އަޒްނީން

  • ނައީމް އަދި މަބްރޫކް މިމުބާރާތުން ރިހި މެޑަލް ހޯދި

  • މިއީ އޭޝިއާގެ އެންމެ ވަރުގަދަ އެތުލީޓުން ވާދަކުރި މުބާރާތެއް

16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑައްޔެއްގެ އިތުރުން، އިތުރު ދެ ރިހި މެޑަލް ހޯދައިފިއެވެ.

މިމުބާރާތުގައި ވާދަކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމްގައި ވާދަކުރި އަޒްނީން ރަޝާދްއެވެ. ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ދެ އެތުލީޓުންނަކީ އަހްމަދު ނައީމް އަދި އަލީ މަބްރޫކް ލަޠީފްއެވެ. ނައީމް ރިހި މެޑަލް ހޯދީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 170 ސީއެމް ކެޓެގެރީގައި ވާދަކޮށްގެންނެވެ. މަބްރޫކް ރިހި މެޑައްޔެއް ކަށަވަރުކުރީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 175 ސީއެމްގައި ވާދަކޮށްގެންނެވެ.

މީގެ އިތުރުންވެސް މި މުބާރާތުން ރަނގަޅު ނަތީޖާތަކެއް ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމުންވަނީ ހޯދާފައެވެ. އެގޮތުން މެންސް ބޮޑީބިލްޑިންގ ޖޫނިއާ ގައި ވާދަކޮށް އަހްމަދު ރިޒާން ނިޒާރް ހަތަރުވަނަ ހޯދިއިރު، މެންސް ބޮޑީބިލްޑިންގ 55 ކޭޖީއިން އިބްރާހިމް ސިވާހްވެސް ވަނީ ހަތަރުވަނަ ހާސިލްކޮށްފައެވެ. އަދި މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 175 ސީއެމްއިން ހަތަރުވަނަ އިނާޒް ޔޫސުފް ހޯދިއިރު، ރާއްޖެއަށްވަނީ މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސީއެމްއިން ފަސްވަނަ ވެސް ލިބިފައެވެ.

16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ވާދަކޮށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން ޓީމަށް އިރުޝާދުދީފައިވަނީ ކޯޗް ޢަބްދުލްހަސީބް ހުސައިންއެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު ނަޒީހްއެވެ.

މިދިޔަ މަހުގެ 30 އިން މިމަހުގެ 4 ގެ ނިޔަލަށް ބޫޓާނުގެ ތިމްޕޫގައި ކުރިއަށްދާ މިމުބާރާތުގައި އޭޝިއާގެ ވަރުގަދަ ބޮޑީބިލްޑިން އަދި ފިޒީކް އެތްލީޓުން ވާދަކުރިއެވެ.