ޚަބަރު

ހިމަބިހީގެ އިތުރު 44 ކޭސް، ޓެސްޓުކުރުމުގެ ކެޕޭސިޓީ އިތުރުކޮށްފި


  • މިއަހަރު ޖުމުލަ 66 ކޭސް

  • ގިނައީ 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން

  • ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައި

ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 44 ކޭސް ދެނެގަނެވިފައިވާ ކަމަށާއި، ޢަދަދު އިތުރުވީ ޓެސްޓު ކުރި ޢަދަދު އިތުރުވުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް މީސަލްސްގެ 66 ކޭސް ވަނީ ފެނިފައެވެ. މިދިޔަ ހަފުތާގައި 44 ކޭސް ރެކޯޑްކުރި ނަމަވެސް، މިވަގުތު އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 13 އެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ ޢަދަދު 258އަށް އަރައެވެ.

މީސަލްސް އައުޓް ބްރޭކާއި ގުޅިގެން މިހާތަނަށް 569 މީހުން ވަނީ ބައްޔަށް ޓެސްޓް ކޮށްފައެވެ. އެޗްޕީއޭގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ކޭސްތަކުގެ ޢަދަދު މިދިޔަ ހަފުތާގައި އުފުލުނީ، ވޭތުވެދިޔަ ހަފުތާގައި ޓެސްޓުކުރި ނިސްބަތް އިތުރު ކުރުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކޮންމެ ރަށަކުންވެސް ޓެސްޓް ސާމްޕަލް ނެގޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މީސަލް އައުޓްބްރޭކްގެ ޙާލަތު ވަރަށް ގާތުން ބަލާ ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ބަލި ޖެހިގެން މާ ބޮޑުވަރުވީ ކޭސްތަކެއް މިހާތަނަށް ފެނިފައެއްނުވޭ. މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް. ބަލީގެ އަލާމަތްތަކަށް ބަލާ ފަރުވާ ދޭ ބައްޔެއް މިއީ." ސަނާ ސަލީމް ވިދާޅުވިއެވެ.

މީސަލްސްއަކީ، ވައިރަހުގެ ސަބަބުން ގައިން ގަޔަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެކަކުގެ ގައިން 16-18 މީހުންނަށް ބަލި ފެތުރެއެވެ. ނަމަވެސް ރާއްޖޭގެ ބޮޑު އާބާދީއަކީ އެމްއާރް ވެކްސިން ފުރިހަމަކޮށްފައިވާ އާބާދީއަކަށްވުމާއެކު ރާއްޖޭގައި މި ޕެޓާން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މި ބަލީގެ 4 ކްލަސްޓްރައެއް މިވަގުތު އެބައޮތްކަމަށް އެޗްޕީއޭއީން މައުލޫމާތުދެއްވައެވެ. މިއިން ކޮންމެ މީހެއްގެ އެކްޓިވް ކޮންޓެންޓުން ދެނެގަނެ، އެކަހެރިކޮށް ޙާލަތު ދަނީ ގާތުން ބަލަމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިއީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު، އައުޓްބްރޭކާ ގުޅިގެން ޓެސްޓިންއާއި ވެކްސިން ކެޕޭސިޓީ އިތުރު ކުރުމަށް ޑަބްލިއުއެޗްއޯގެ އިތުރުން ބައެއް ޤައުމުތަކާއެކުވެސް މަސައްކަތްކޮށް ބައެއް ތަކެތި މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ، މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދަނީ ވެކްސިން ފުރިހަމަ ނުކުރާ، ބަލީގެ ނުރައްކާ ބޮޑު މީހުން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކަމަށެވެ.

އަދި ރާއްޖެއަކީ ބޮޑު އާބާދީއެއް ވެކްސިން ޖަހައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ޤައުމަކަށްވާތީ ބަލީގެ ޙާލަތު މާބޮޑުތަނުން ގޯސްވާނެ ކަމަށް އަންދާޒާނުކުރެވޭ ކަމަށެވެ.

ނަމަވެސް، ޙާލަތަކަށް ތައްޔާރުވުމަށް، ހެލްތު ޕްރޮފެޝަނަލުން ތަމްރީން ކުރުމާއި އަދި ދެ އައިސޮލޭޝަން ފެސިލިޓީއެއްގެ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ހުޅުމާލެ އޮރެންޖު ހިޔާގައި، ކޮވިޑަށް ބޭނުންކުރި އައިސޮލޭޝަން ފެސިލިޓީ އަދި އިތުރު ފެސިލިޓީއެއްވެސް ހަމަޖައްސަމުންދާ ކަމަށެވެ.

އަދި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ބަލީގެ އަލާމަތްތައް ހުންނަ މީހުންނަށް ޑޮކްޓަރަށް ދެއްކޭ ގޮތަށް ވަކިން އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރޯގާޖެހުން، ކެއްސުން އަދި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދަންކަންވާނެއެވެ.