ޚަބަރު

ޤާނޫނު ހަދާ މަޖިލިސް: ރައްޔިތުންގެ ބާރުވެރިކަމުގެ، މުއައްސަސާ


  • ކޮންމެ ޤައުމެއްގައި މަޖިލީހެއްގައި ހުންނަންޖެހޭ މުހިންމު އެއް ސިފައެއް އޮވޭ

  • މަޖިލިސްތައް ހަރުދަނާކުރުމުގައި މިނިވަންކަމާއެކު އަޑުއުފުލޭނެ މާހައުލެއް ޤާއިމުވެފައި އޮތުން މުހިންމު

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ޤާނޫނުހަދާ މަޖިލިސްތަކުގެ ދުވަހުގެ ގޮތުގައެވެ. މިއީ 1889ވަނަ އަހަރު އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން އުފެދިގެން އައި ދުވަހާ ގުޅުވައިގެން ޤައުމުތަކުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ މުހިންމުކަން ފާހަގަކުރުމަށް 2018ވަނަ އަހަރު ބޭއްވި އދ.ގެ އާންމު މަޖިލީހުން ފާސްކޮށްގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ޤާނޫނުހަދާ މަޖިލިސްތައް މަސައްކަތްކުރަނީ އެކި ގޮތްގޮތަށެވެ. ބައެއް ޤައުމުތަކުގެ ހިންގުމުގެ ބާރު ޤާނޫނުހަދާ މަޖިލީހަށް އޮންނައިރު އަނެއްބައި ޤައުމުތަކުގައި މަޖިލިސްތަކުގެ ދައުރަކީ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޤައުމުގެ ކުރިއެރުމާއި ހަމަޖެހުމަށް ގެންނަންޖެހޭ ޤާނޫނުތައް ހެދުމެވެ.

އެކި ގޮތްްގޮތަށް މަޖިލިސްތައް އެކި ޤައުމުތަކުގައި ހިންގި ނަމަވެސް ކޮންމެ ޤައުމެއްގައި މަޖިލީހެއްގައި ހުންނަންޖެހޭ މުހިންމު އެއް ސިފައެއް އޮވެއެވެ. އެއީ ރައްޔިތުންގެ ބާރެވެ. ޤާނޫނުހަދާ ކޮންމެ މަޖިލީހަކަށް ބެލިޔަސް ފެނިގެންދާނީ ރައްޔިތުން، އެ ރައްޔިތުން ތަމްސީލުކުރުމަށް އިންތިޚާބުކުރައްވާފައި ތިއްބަވާ ޚާދިމުންނެވެ. އެހެންކަމުން ޤާނޫނުހަދާ މަޖިލިސްތަކަކީ ޑިމޮކްރަސީގައި ރައްޔިތުންގެ ބާރު އެންމެ ބޮޑަށް ފެނިގެންދާ މުއައްސާގެގޮތުގައިވެސް ސިފަކުރެވެއެވެ.

ޤައުމުގެ ހަމަޖެހުން ކަށަވަރުކުރުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ބޮޑު

ޤާނޫނުހަދާ މަޖިލީހެއްގެ އެންމެ ބޮޑު އެއް ޒިންމާއަކީ ނަމުގައިވެސްވާގޮތަށް ޤާނޫނުތައް ހެދުމެވެ. މިއީ މަޖިލިސްތަކުގެ މެންބަރުންގެ ކޮނޑުގައި އެޅުވިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ޤާނޫނުތައް ހަދާއިރު އެ ޤާނޫނެއްގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރާއި ރައްޔިތުންގެ ޙައްގުތައް ކިހާވަރަކަށް ކަށަވަރުވެފައިވޭތޯ އަދި އޭގެ ސަބަބުން ޤައުމަށާއި މުޖުތަމަޢަށް ފައިދާވާނީ ކިހާވަރަކަށްކަން އެ މެންބަރުން ކަށަވަރުކުރަންޖެހެއެވެ.

އެއްވެސް ޤާނޫނެއްގެ ސަބަބުން އެ މެންބަރުން ތަމްސީލުކުރައްވާ ރައްޔިތުންގެ ޙައްގަކަށް އުނިކަމެއް އައިސްގެން ނުވާނެކަން ކަށަވަރުކޮށް، އެފަދަ އުނިކަމެއް އަންނަކަމަށް ބެލެވޭނަމަ އެކަމާ ވަކާލާތުކޮށް އެބަދަލުތައް ގެނައުމަކީ މެންބަރުގެ ޒިންމާއެކެވެ. ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް އެވަގުތަކަށް މުހިންމު ޤާނޫނުތައް ފާސްކުރުމާއި ސަރުކާރުތަކުން ޤާނޫނުތައް ތަންފީޒުކުރުމުގައި ހުންނަ ގޮންޖެހުންތައް ނައްތާލުމަށް އިސްލާހުތައް ގެނައުމަކީވެސް މެންބަރުންގެ ޒިންމާއެކެވެ.

ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުން މަސައްކަތްކުރަންވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ޖަވާބުދާރީކުރުވުމުގެ އިތުރުން މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށެވެ. މިއަދު ސިޔާސީ ކަންކަމަށް ރައްޔިތުންގެ އޮންނަ އިތުބާރު ގެއްލެނީ އެ ޒިންމާ ރަނގަޅަށް އަދާނުކުރެވުމުގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މަޖިލިސްތައް ހަރުދަނާކުރުމުގައި މެންބަރުންނަށް މިނިވަންކަމާއެކު އަޑުއުފުލޭނެ މާހައުލެއް ޤާއިމުވެފައި އޮތުމަކީވެސް މުހިންމު ކަމެކެވެ. އެކި ޤައުމުތަކުގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ބިރު ދެއްކުންފަދަ ކަންކަން ދިމާވާއިރު އެފަދަ ކޮންމެ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލާ ކަމެކެވެ. އެހެންކަމުން ޤައުމެއްގެ ޤާނޫނުހަދާ މަޖިލީހަކަށް ރައްޔިތުން ހޮވާ މެންބަރުން ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރަންޖެއެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ޤާނޫނުހަދާ މަޖިލީހުގެ ދައުރު ވަރަށް ބޮޑެވެ. އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ތަމްސީލުކުރައްވާ މެންބަރަކު މަޖިލީހުގައި އިންނަވާއިރު އަޅުގަނޑުމެންގެ ޙައްގުތައް ކަށަވަރުކޮށްދީ، ސަރުކާރުން ޤައުމުގެ ކުރިއެެރުމަށް ކުރައްވާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.