ޚަބަރު

ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިއްޖެ


  • 23,017.2 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވޭ

  • ގޮނޑުދޮށް ހިމާޔަތްކުރަން 232 މީޓަރުގެ ސަރަހައްދެއްގައި ހިލަ ޖަހާފައިވޭ

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

2022ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށިލުމުގެ އިތުރުން ކައުންސިލުން އެދިގެން ޑިންގީތައް އަޅާ ސަރަހައްދެއް ހެދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެެވެ.

މި މަޝްރޫޢުގެ ދަށުން 23,017.2 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން 320 މީޓަރުގެ އެއްގަމު ތޮށި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ވަނީ ޤާއިމުކޮށްފައެވެ.

މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދެއްގެ ޕޭމަންޓް ހެދުމާއި، ރޭގަނޑުވެސް ފަސޭހައިން ބަނދަރު ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައްވެސް ހިމެނެއެވެ.

މި ބަނދަރުގެ މަސައްކަތް ނިމުމާއެކު، ގައްދޫގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވި ދަތިތަކަށް ބޮޑު ޙައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅޭ ގައްދޫގެ ބަނދަރު ބޮޑުކުރުމަށް ކުރިންވެސް މަސައްކަތްތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ރައްޔިތުން ބޭނުންވި ބަދަލުތައް ގެނައުމަށް ނިމުނު މަޝްރޫޢުގައި ވަނީ ހިމަނާފައެވެ. އެމްޓީސީސީން އަންނަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.