ޚަބަރު

ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެމްޕިއަންޝިޕް: ދެ ތަށިވެސް ޖީއައިއެސްއަށް


  • މިއީ ޖީއައިއެސް އިން ތަށި ހޯދި ދެވަނަ އަހަރު

  • ރަނަރަޕް ޓީމަކީ ހިރިޔާ އަދި ހުރަވީ

  • މުބާރާތުގެ ގިނަ ވަނަތަކެއް ގެންގޮސްފައިވަނީ ޖީއައިއެސްގެ ކުޅުންތެރިން

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދިޔަ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ ދެ އުމުރުފުރާގެވެސް ޗެންޕިއަންކަން ހޯދާ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްއިން ތަށި ދިފާއުކޮށްފިއެވެ.

މިމަހުގެ 17 އިން 27 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުތައް ނިމިފައިވާއިރު، 15 އަހަރުންދަށުގެ އުމުރުފުރާގެ ޗެންޕިއަންކަން ޖީއައިއެސްއިން ހޯދީ 18-14 އިން ހިރިޔާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ޖީއައިއެސްގެ ޑަބްލިއުއޭ ޒާޔާ އާމިރް ވަހީދްއެވެ.

17 އަހަރުންދަށުގެ އުމުރުފުރާގެ ތަށިވެސް ޖީއައިއެސްއިން ކާމިޔާބުކޮށްފައިވާއިރު، ފޯރި ގަދަ މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 46-27 ގެ ބޮޑު ފަރަގަކުން ހުރަވީ ސްކޫލް ބަލިކޮށްގެންނެވެ. މެޗު ފެށިގެން ގާތްގާތުގައި ދެ ޓީމުން ސްކޯ ކުރަމުން ދިޔަ ނަމަވެސް ޖީއައިއެސްއިންވަނީ ދޫނުދީ ޕޮއިންޓްގެ ބޮޑު ފަރަގެއް ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ސެންޓަރ އާއިޝާ އައިލީން އަހްމަދުއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޖީއައިއެސްގެ ޒާޔާ އާމިރް ވަހީދް އަދި އާއިޝާ އައިލީން އަހްމަދު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށްވެސް ހޮވިފައިވަނީ ޖީއައިއެސްގެ ދެ ޓީމަށްވެސް އިރުޝާދުދިން ޢާއިޝަތު ނާޒިމާއެވެ.

މީގެ އިތުރުން މުބާރާތުގެ ދެ އުމުރުފުރާއިން އެންމެ މޮޅު ހަތް ކުޅުންތެރިންވެސްވަނީ ހޮވާފައެވެ. އެގޮތުން 15 އަހަރުންދަށުގެ އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޗެންޕިއަން ޖީއައިއެސްގެ ޒާޔާ އާމިރް ވަހީދު، އީޝަލް މުހައްމަދު އަޝްފާގް، ނުގާ އަލީ ނަޖީބް އަދި ރަނަރަޕްކަން ހޯދި ހިރިޔާ ޓީމުގެ ރައިހާނާ ރިލްވާން، އީނާލް އިނާޒް ޢަބްދުލްވާހިދް، އާއިޝަރު ޒާރާ ހުސައިންއެވެ. މީގެ އިތުރުން ހުރަވީ ސްކޫލްގެ އާމިނަތު ތުގާ ހުސައިންވެސްވަނީ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

17 އަހަރުންދަށުގެ އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޖީއައިއެސްގެ ލައިރާ އަހްމަދު ފިރާޝް، އާއިޝާ އައިލީން އަހްމަދު، އަމްނާ ސިރާގެ އިތުރުން ރަނަރަޕްކަން ހޯދި ހުރަވީ ސްކޫލްގެ އާއިޝަތު އަމްރާ ފަރްހާން، ކައިލީން ހުސައިން ޒުހައިރް، ހިލްޔާ ހަސަން އަދި ކަޔާނީ ބިންތު ޝައްފާޒްއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޗެންޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދު އެވެ. މިރަސްމިއްޔާތުގައި ނެޓްބޯލް އެސޯސިއޭޝަންގެ ވެރިންނާއި ސްކޫލްތަކުގެ އިސްވެރިންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.