ޚަބަރު

މާޒިޔާއިން މުބާރާތް ފެށީ ޓީސީގެ މައްޗަށް ހޯދި ބޮޑު މޮޅަކުން


  • މާޒިޔާ މެޗު ކާމިޔާބުކުރީ 0-8 ގެ ނަތީޖާއިން

  • އިލާން ވަނީ މެޗުގައި 4 ގޯލު ޖަހާފައި

މިއަދު ފެށިގެން ކުރިއަށްދާ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުން، ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވެފައިވަނީ 0-8 ގެ ނަތީޖާއިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ޓީސީގެ ގޯލު ހުޅުވާލާފައެވެ. އެގޮތުން، އެޓީމުގެ ފުރަތަމަ ދެގޯލުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން، މުޙައްމަދު އިލާން ޢިމްރާންއެވެ. އޭނާގެ ފުރަތަމަ ގޯލު، މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު، ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ 19 ވަނަ މިނެޓުގައެވެ.

މެޗުގެ 3 ވަނަ ލަނޑު، 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާޝިއު އަޙްމަދު ޝިހާމްއެވެ.

ދެވަނަ ހާފް ފެށިގެން ވަރަށް ކުރީކޮޅު، އިލާންގެ ތިންވަނަ ގޯލު ޖަހަން އިލާންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޓީސީގެ ކީޕަރު ވަނީ އޭނާ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ދިފާއުކޮށްފައެވެ.

މާޒިޔާގެ 4 ވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ޢާއިދު މުޙައްމަދު ޖަވީޒް ކާމިޔާބުކޮށްދިން އިރު، އޭގެ އެންމެ 2 މިނެޓު ފަހުން އިލާން ވަނީ އޭނާގެ ހެޓް-ޓްރިކް ފުރިހަމަކޮށްފައެވެ.

ފަހު ހާފްގެ ބޮޑުބައި ކުޅެފައިވަނީ ބޯ ވާރޭގައި ކުޅުނު މެޗުގެ މާޒިޔާގެ 6 ވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ނަހީކް އަޙްމަދު ނިޔާޒް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ނަހީކް އަޙްމަދު ނިޔާޒްގެ އިތުރުން މުޙައްމަދު އިލާން ޢިމްރާން އެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ މާޒިޔާ އާއި ޓީސީގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކެޔޮދޫ، އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ.