ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް، ޤާނޫނީ ބަދަލުތަކާއި ފަރުވާގެ ހަރުދަނާ ނިޒާމެއް


  • މަސްތުވާތަކެއްޗާ ގުޅޭ ހަރުދަނާ އުސޫލުތަކާއި ޤަވައިދުތައް ދަނީ ތަންފީޒުކުރަމުން

  • ފަރުވާގެ ނިޒާމު ހަރުދަނާކޮށް ޢުމްރާނީ ގިނަ ވަސީލަތްތަކެއް

މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ ރާއްޖެއަށްވެސް އޮތް ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމާއި ފަރުވާދޭ މަރުކަޒުތައް ޤާއިމުކުރުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ހަމައެކަނި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، މަސްތުވާތެކެތީގެ 2065 މައްސަލަ ހުށައަޅާފައިވެއެވެ. އެއީ މުޅި އަހަރު ހުށައެޅީ މައްސަލަތަކުގެ %17.1 ކޭހެއެވެ. މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1020 މައްސަލަ ފުލުހުން ބަލާފައިވެއެވެ. މިއަހަރުވެސް ފެނިގެންދަނީ މިދިޔަ އަހަރުގެ ނިސްބަތެވެ.

ދާޚިލި ދާއިރާއިން ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީވެސް މަސްތުވާތަކެތިން މުޖުތަމަޢު ސަލާމާތްކުރުމެވެ. މީގެތެރޭގައި ޤާނުނުތަކާއި އުސޫލުތައް ހަރުދަނާކުރުމާއި، ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކަމާގުޅުންހުރި އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް ބަލާއިރު ރާއްޖޭގައި މަސްތުވާތަކެތީގެ ތެރޭގައި 10،000އަށްވުރެ ގިނަ މީހުން އުޅެއެވެ.

2023 ވަނަ އަހަރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޢާންމުކުރި ރިޕޯޓެއް ދައްކާ ގޮތުން 2016 އާއި 2023 އާ ދެމެދު މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 14،800އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވެއެވެ.

މި މައްސަލައާ ދެކޮޅަށް ސަރުކާރުން ވަނީ ޤާނޫނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މަސްތުވާތަކެތީގެ ޤާނޫނަށް ތިންވަނަ އިޞްލާޙު 3 ޑިސެންބަރު 2025 ގައި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވިއެވެ.

މި ބަދަލުތަކުގެ ދަށުން ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވިދާނެއެވެ. އެ ޢަދަދުތަކުގެ ތެރޭގައި 350 ގުރާމަށް ވުރެ ގިނަ ކެނަބިސް 250 ގުރާމަށް ވުރެ ގިނަ ހެރޮއިން ނުވަތަ 100 ގުރާމަށް ވުރެ ގިނަ އެހެން މާއްދާތައް ހިމެނެއެވެ. މި އިޞްލާޙުގެ ދަށުން މުދާ ހިފެހެއްޓުމުގެ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައިވެއެވެ. ޖިނާއީ ފައިދާގެ ގޮތުގައި ލިބޭ ފައިސާއާއި މުދާ ހިފެހެއްޓުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވެއެވެ.

"މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު"ވެސް މިހާރު ވަނީ އާއްމުކޮށްފައެެވެ.

އެންމެ ބޮޑު އެއްބަދަލަކީ، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަކުރުމެވެ.

މަސްތުވާތަކެތި އެތެރެކުރުމަށް ހުރި ދޮރުތައް ބަންދުކުރުމަށްޓަކާ މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

2025 ވަނަ އަހަރުގެ ނޮވެންބަރުގައި ފުލުހުން މުޅި ރާއްޖޭގެ 100 އަށް ވުރެ ގިނަ ތަން ބަލައި ފާސްކޮށް 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި ބޮޑު އޮޕަރޭޝަނެއް ހިންގައިފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ގޭންގުތައް ހުއްޓުވުމާއި އެފަދަ ގިނަ ތަންތަނެއް ބަންދުކޮށް، ގިނަ ބަޔަކު ހައްޔަރުކުރިއެވެ.

ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްވެސް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދެއެވެ. މިހާރު ރާއްޖޭގައި 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުރެއެވެ. މި ސެންޓަރުތަކުގައި ގާތްގަނޑަކަށް 570 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ނޭޝަނަލް ޑްރަގް އެޖެންސީން ނ. ވެލިދޫ ކ. ކާށިދޫ އަދި ލ. ގަމުގައި އައު ރީހެބް ސެންޓަރުތައް ޤާއިމުކުރުމުގެ މަޝްރޫޢުވެސް ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ ވިޔުގަތައް ނައްތައިލައި ފަރުވާގެ ނިޒާމު ލާމަރުކަޒީ ގޮތެއްގައި ފުޅާކޮށް މުޖުތަމަޢު މި ވަބާއިން ސަލާމަތްކުރުމެވެ. މި ވަބާއިން ސަލާމާތްކޮށް، މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމެވެ.

މީގެދަށުން ފަރުވާގެ ނިޒާމުގެ ތެރެއިން އެކި ކަހަލަ ވަޒީފާގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.