ޚަބަރު

ވެޓެރަންސް ކްރިކެޓް ޓީމުން ތަށި މިލްކުކުރަން ތައްޔާރު


  • ވެޓެރަންސް ކްރިކެޓް ޓީމު ތައްޔާރުވަމުންދަނީ ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތަށް

  • ރާއްޖޭގެ ޓީމުވަނީ ފާއިތުވެދިޔަ ދެ އަހަރު މުބާރާތުގެ ތަށި ހިއްލާލާފައި

މިމަހުގެ 29 އިން އަންމަހުގެ 4 ގެ ނިޔަލަށް ތައިލޭންޑްގެ ޕުކެޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ވެޓެރެންސް ޓީމު ތައްޔާރުވެއްޖެއެވެ.

މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޓީމުގެ މުހިންމު ކުޅުންތެރިޔާ އަދި ސީބީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ އަޙްމަދު އިސްހާގު ވިދާޅުވީ މުބާރާތާ ކުރިމަތިލަނީ ވަރަށް ފޮނި އުންމީދަކާއެކުކަމަށެވެ.

މިމުބާރާތުގެ ޗެންޕިއަންކަން ފާއިތުވެދިޔަ ދެ އަހަރުވެސް ރާއްޖެއިން ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތުގައި އަމާޒަކީ އެތަށި މިލްކުކުރުންކަމަށް އިސްހާގް ވިދާޅުވިއެވެ. އަދި އެއަޒުމުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންދާތާ ދުވަސްތަކެއްވެފައިވާއިރު، ޓީމު މިހާރު އޮތީ މުބާރާތަށް ފައްކާވެފައިކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

"މީ މިދިޔަ ހަތަރު އަހަރުވެސް އަޅުގަނޑުމެން ބައިވެރިވި ހުއާ ހިން ސިކްސެސް އިންޓަނޭޝަނަލް މުބާރާތް. ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ފަހު ދެ އަހަރު އަޅުގަނޑުމެންނަކީ މުބާރާތުގެ ޗެންޕިއަނުން. މިފަހަރު މިދަނީ އެތަށި މިލްކުކުރެވޭތޯ. މިލްކުކުރާނަން އިނގޭތޯ ހަމަ ޔަގީނުންވެސް، ވަރަށް ޔަގީންކަމާއެކީ ވަރަށް ގިނަ ދުވަސްވެއްޖެ ޕްރެކްޓިސްކުރާތާ މިކަމުގަ" އިސްހާގް ވިދާޅުވިއެވެ.

ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތް ކުރިއަށްދަނީ 35 އަހަރުންމަތި، 50 އަހަރުންމަތި އަދި 60 އަހަރުންމަތީގެ ޓީމުތައް ވާދަކުރާގޮތަށެވެ. މި ތިން ކެޓެގެރީގައިވެސް ރާއްޖެއިން ވާދަކުރާއިރު، ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ 50 އަހަރުންމަތީގެ ޓީމާއި 35 އަހަރުންމަތީގެ ޓީމުވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.

ރާއްޖޭގެ ވެޓެރެންސް ޓީމުވަނީ ދާދިފަހުން ތައިލޭންޑްގައި ކުރިއަށްދިޔަ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް މޮޅު ކުޅުމެއްދައްކާފައެވެ.

ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތުގައި ވާދަކުރުމަށް ވެޓެރެންސް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުއެވެ.