ޚަބަރު

"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި


  • 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭ

  • ރަހުނެއް ހިމެނޭހެން 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެ

  • ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭ

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތަޢާރަފްކޮށްފިއެވެ.

މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތައްތަކާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ލޯނު ޕްރޮގްރާމެކެވެ.

"ދަނޑުވެރި ނަފާ" ޕްރޮގްރާމަށް ގެނައި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށް އަދި އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މި ފައިނޭންސިންގ އަކީ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މިފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %6 ގެ ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.

މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން، އަދި އެގްރޮފޮރަސްޓްރީފަދަ މަސައްކަތްތައް ހިމެނެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މެންޑޭޓާ އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށްވެސް މި ފައިނޭންސިންގެ ދަށުން ފައިނޭންސް ދޫކުރާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.

މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، "ދަނޑުވެރި ނަފާ" އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިންގ ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވެޅެއްކަމަށެވެ. މި ފައިނޭންސިންގ މެދުވެރިކޮށް ދަނޑުވެރިންނަށް ކުރިއެކޭ އެއްފަދައިން ލުއި ގޮތްތަކެއްގެ މަތިން އަތްފޯރާފަށުގައި ފައިނޭންސިންގ ލިބޭނެކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

"މި ފަދަ ފައިނޭންސިންގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުން" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

މި ފައިނޭންސިންގ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ އުސޫލުތަކެއްގެ މަތިން މާލީ އެހީތެރިކަން ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ހިތްވަރާއި، އެކަމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރައްވައެވެ. މިފަދަ ފަސޭހަ މާލީ އެހީތެރިކަމުގެ ނިޒާމުތައް ތައާރަފުކުރުމަކީ، ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް، މި ދާއިރާގެ ދައުރު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަންވެސް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރައްވައެވެ.