ވޯލްޑް ކަޕާއި ގުޅުވައިގެން ޕީއެސްއެމްއިން ޒުވާނުންނަށް ޚާއްސަ ފިއެސްޓާއެއް ފަށައިފިއެވެ.
މި ހަރަކާތަކީ ވޯލްޑްކަޕުގެ ފޯރީގައި އާއްމުންނަށް ތަފާތު ގޮތަކަށް ބައިވެރިވުމަށް ރާވާ އިންތިޒާމް ކުރާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. ފިއެސްޓާ ފުރަތަމަ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިރޭ 8:30 އިން 11:30އަށް ޓީވީ ބިލްޑިންގެ ގޯތިތެރޭގައެވެ.
"ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ"ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ވޯލްޑްކަޕް ކުރިއަށް ދާ މުއްދަތުގައި، ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހިލޭ ވަދެވޭގޮތަށް ކުރިއަށްގެންދިޔަ ފިއެސްޓާގައި ރަޖިސްޓްރީކުރި ފަރާތްތަކުގެ މެދުގައި ބޭއްވި ގުރުއަތަކުން، ހޮވުނު 2 ފަރާތަކަށް މިރޭގެ ފިއެސްޓާގެ ތެރެއިންވަނީ ވައުޗަރވެސް ހަވާލުކޮށްފައެވެ.
ކަރޯކޭއާއި އާމްރެސްލިންގެ އިތުރުން ފުޓް ސްޓޯލްތައް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި ލައިވް މިއުޒިކް ޕަރފޯމްކުރާ ބޭންޑްތަކުގެ ތެރެއިން އެންމެ މަޤްބޫލް ބައެއް ބޭންޑުތަކުން ޕާފޯމްކޮށްފައިވެއެވެ.
ޕީއެސްއެމްއިން ދަނީ ވޯލްޑްކަޕްއާ ގުޅިގެން އާއްމުންނަށް ހުޅުވާލައިގެން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކާނިވާތަކެއްވެސް ދަނީ ބާއްވަމުންނެވެ. ކާނިވާތައް ކުރިއަށްދިޔައީ ކުޑަކުދިންގެ ގޭމްތަކާއި ފުޑް ސްޓޯލްތައް ހިމެނޭގޮތަށެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ، މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ، ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި، ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަ ކޮށްގެން ޕީއެސްއެމުން ވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ.