ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ 3ވަނަ ޕްރޮގްރާމް އިފުތިތާޙުކޮށްފި


  • ޕްރޮގްރާމް ކުރިއަށް ގެންދާނީ 15 ހަފުތާގެ މުއްދަތަށް

  • ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވޭ

ނޭޝަނަލް ސަރވިސް ނުވަތަ ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގ-3، ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ.

ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިޕްރޮގްރާމުގެ ތިންވަނަ ބެޗު ފައްޓަވައިދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 288 ފިރިހެން ކެޑޭޓުން އަދި 64 އަންހެން ކެޑޭޓުންނެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއިއެކު ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ޒަރީއާއިން ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި، އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ ޙަރަކާތްތަކާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕު ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެއެވެ.