ޚަބަރު

ޕީއެސްއެމް ފިއެސްޓާ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް!


  • މިއީ ވޯލްޑް ކަޕާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއް

  • މި ހަރަކާތް ކުރިއަށްދާނީ ކޮންމެ ހަފުތާ ބަންދެއްގައި

ވޯލްޑް ކަޕާ ގުޅުވައިގެން ޕީއެސްއެމްއިން ކުރިއަށްގެންދާ "ވީ އާ 26 ޕީއެސްއެމް ފިއެސްޓާ" ކުޑަކުދިންގެ ހަވީރުގެ ދެވަނަ ދުވަސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ، ކޮންމެ ހަފުތާ ބަންދެއްގައި ޓީވީއެމް ބިލްޑިންގެ ގޯތިތެރޭގައެވެ.

ވޯލްޑްކަޕާ ގުޅުވައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަކީ، އެކުވެރި މަޖާ މާޙައުލެއްގައި ވޯލްޑްކަޕުގެ ފޯރި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ވީހާވެސް ގިނަ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ވޯލްޑްކަޕް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު މި ހަރަކާތް ކުރިއަށްދާނެއެވެ.

ހަވީރު 4:00ން 6:00 އަށް ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު އެކި ކުޅިވަރުތައް ހިމެނޭހެން ގިނަ އަދަދެއްގެ ސްޓޯލްތައް ބަހައްޓާފައިވެއެވެ. އެކި އުމުރުފުރާތަކުގެ ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ހަވީރަކީ ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާވެސް ލިބޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ހަވީރެކެވެ.

މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ، އާއިލާތަކުން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، ވޯލްޑްކަޕުގެ ޖޯޝު ކުޑަކުދިންނާއެކު ތަފާތު ގޮތަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. ކުޑަކުދިންގެ ހަވީރު އޮންނަ ދުވަސްތަކުގައި ކުދިން އަންނައިރު، އެ ކުއްޖަކު ވޯލްޑްކަޕުގައި ސަޕޯޓް ކުރާ ޓީމެއްގެ ޖަރޒީގައި އައުމަށް ޕީއެސްއެމުން އެދެއެވެ.

ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުގައި ބައިވެރިވި ބައެއް ކުޑަކުދިން ވަނީ، އެ ކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

"ހުރިހާ ކުޅިވަރެއްވެސް ކުޅުެފިން، ވަރަށް މަޖާ މިކަހަލަ ކުޅިވަރުތައް ކުރިއަށް ގެންދާތީ." ކުއްޖަކު ބުންޏެވެ.

ކުޅިވަރުތަކުގެ އިތުރުން މި ކުޑަކުދިންގެ ހަވީރުގައި ފުޑް ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ. މި ހަވީރު ކުރިއަށްދާނީ، ކޮންމެ ހަފުތާ ބަންދެއްގައި ހަވީރު 4:00 އިން 6:00 އަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގެ ގޯތިތެރޭގައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ، މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ، ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި، ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަ ކޮށްގެން ޕީއެސްއެމުން ވަނީ ވެބްސައިޓެއްވެސް ލޯންޗުކޮށްފައެވެ.