ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ބްރެޒިލް - ހެއިޓީ


  • ސްޓޭޑިއަމް: ފިލަޑެލްފިއާ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 05:30

ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ބްރެޒިލް އާއި ދެކޮޅަށް މި މުބާރާތުގައި ދެވަނަ ފަހަރަށް ވާދަކުރާ ހެއިޓީ އާއި ދެކޮޅަށް ނިކުންނައިރު, މުބާރާތުގެ ފުރަތަމަ މެޗުން ހެއިޓީ ބަލިވެފައިވާއިރު ބްރެޒިލް ވަނީ އެއްވަރުވެފަ އެވެ.

މޮރޮކޯ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ހެއިޓީ ވަނީ ސްކޮޓްލޭންޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗުގައި އެ ޓީމުން ޖެހި ލަނޑު ވިނިޝިއަސް ޖޫނިއާ ކާމިޔާބުކުރި އިރު މިއީ އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖެހި ދެވަނަ ލަނޑެވެ.

ބްރެޒިލް އާއި ހެއިޓީ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ބައްދަލުކުރާއިރު, އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ހުރި ނޭމާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ. ނޭމާ އަށް އަނިޔާވެފައިވަނީ އޭނާގެ ކްލަބް ސަންޓޯސް އަށް ކުޅެނިކޮށް މިދިޔަ މެއި މަހު އެވެ.

ހެއިޓީ އާއި ބްރެޒިލް 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައްދަލުކުރި މެޗު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބްރެޒިލް އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމާއިއެކު ކުރިމަތިވި ޕްރެޝަރާހެދި ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފައިވަނީ މުބާރާތެއްގެ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއް ކަމަށާއި ފުރަތަމަ މެޗުން ތަށި ނުލިބޭނެ ކަމަށެވެ.

ހެއިޓީ އާއި ދެކޮޅަށް ބްރެޒިލް މިރޭ ނިކުންނައިރު, މޮރޮކޯ އާއި ދެކޮޅަށް ނިކުތް ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެ އެވެ.