ޚަބަރު

ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިޔަން ރުފިޔާގެ ގެއްލުން


  • 90% ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމް

  • ބޮޑު އަދަދެއް ހިއްސާކުރަނީ އީކޮމާސް މެދުވެރިކޮށް ހިންގާ ސްކޭމްތައް

  • ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 2700 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި މި މައްސަލަތަކުގައި 33 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސްކޭމްގެ މައްސަލަތަކުގައި ހިމެނޭ ޓެކުމާ ސައިބާ ކްރައިމްގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ރިޕޯޓްކޮށްފައިވާ 2700 ސްކޭމް މައްސަލައިގައި ޖުމްލަ 33 މިލިޔަން ރުފިޔާ ގެއްލުން ވެފައިވާކަމަށެވެ.

"ސްކޭމްގެ މައްސަލަ ތަކުގެ ހާލަތައްބަލާއިރު ރާއްޖޭގަ ކަންބޮޑުވާ މިންވަރަކަށް ސްކޭމްގެ މައްސަލަތައް އިތުރުވެގެން ގޮއްސި، އަޅުގަނޑުމެން 2025 އިން 2026 އާއި ހަމަޔަށް ބަލާއިރު 2700 މައްސަލައެއް ރިޕޯޓްކޮށްފައެބަވޭ. މިދަންނަވާ މައްސަލަތަކުން ގެއްލުންވި ޖުމްލަ އަދަދު 33 މިލިޔަނަށް އަރާ" ނަވީދު ވިދާޅުވިއެވެ.

ނަވީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ސްކޭމްތައް ހިންގާ ގޮތާއި އެއްފަދައިން ރާއްޖޭގައިވެސް ހިންގާ ސްކޭމްތަކުގެ %90 ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމްތައްކަމަށެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުންކަމަށް ނަވީދު ފާހަގަކުރެއްވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން ނަވީދު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ނަވީދު ވަނީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް އިންޓަނެޓް މެދުވެރިކޮށް ބައްދަލުވާ ފަރާތްތަކަށް އިތުބާރު ކުރުމުގެ ކުރިން އަމިއްލައަށް ރިސާރޗް ކުރުމަށާއި، ޝައްކުކުރެވޭ އެކައުންޓްތަކުގައި ހުންނަ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއްތޯ ބެލުމަށް ގޫގުލް އިމޭޖް ރިވާސް ސާރޗް ފަދަ ވަސީލަތްތައް ބޭނުން ކުރުމަށް ލަފާދެއްވާފައެވެ.

ސޯޝަލް މީޑިއާއިން އަންނަ ކޮންމެ ފްރެންޑް ރިކުއެސްޓަކީ އަސްލު މީހެއް ކަމަށް ގަބޫލުނުކުރުމަށާއި، ޓޫ ގުޑް ޓު ބީ ޓްރޫ ނުވަތަ ގަބޫލުކުރަން ދަތި މިންވަރުގެ ފައިދާ ހުރި ހުށަހެޅުންތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ހުޅުވާލާފައިވާ ހައުސިންގް ސްކީމްތަކާ ގުޅުވައިގެންވެސް ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރަށްވައެވެ.

ވޯލްޑްކަޕްގެ ފޯރި ގަދަވަމުންދާއިރު ވޯލްޑްކަޕާއި ގުޅިގެން ޓްރެންޑްބޭސްޑް ސްކޭމްތައްވެސް އިތުރުވަމުންދާކަމަށާ މިކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަށްވާފައެވެ. ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ސްކޭމް އެކަންއުންޓުގެ އިތުރުންވެސް ސްކޭމް ހިންގާ އެކައުންޓްތަކެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި އެކައުންޓުތައް ބަންދުކޮށް މިހާރު އެ މައްސަލަތައް އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.