ޚަބަރު

ޤަވައިދާ ޚިލާފަށް ޕާކުކުރި 72 ސައިކަލު ޓޯކޮށްފި


  • ޓޯކޮށްފައި ވަނީ ބަސް ދަތުރުކުރާ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް

  • ބަސް ދަތުރުކުރާ ރޫޓުތަކުގައި މަގުގެ ދެފަޅީގައި ޕާކުކުރުމަކީ މަނާކަމެއް

އާންމު ދަތުރުފަތުރަށް އުނދަގޫވާހެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކުކޮށްފައިވާ 70 އަށްވުރެ ގިނަ ސައިކަލު ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ. ބަސް ދަތުރުކުރާ މާލޭގެ ބޮޑެތި މަގުތަކުގެ ދެފަރާތުގައި ޕާކުކުރުމަކީ މަނާކަމެކެވެ.

މާލޭގެ ބޮޑެތި މަގުތަކަކީ އާންމު ދަތުރުފަތުގެ ޚިދުމަތްދިނުމަށް ބަސްތައް ދަތުރުކުރާ މަގުތަކެވެ. ޕާކު ނުކުރެވޭހެން ތަރައްޤީކޮށްފައި ހުރިނަމަވެސް މަގުގެ ދެފަރާތުގައި ކާރާއި ސައިކަލު ޕާކުކުރުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދަތިވެއެވެ. އޭގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބާރު ބޮޑުވެ ގިނަ ވަގުތުތަކެއް ދަތުރުފަތުރުކުރުމަށް ހޭދަކުރަންޖެހެއެވެ.

އާންމުންގެ ޝަކުވާ ބޮޑުވެފައިވުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާނެހެން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބުދަ ދުވަހު އެކަނިވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 72 ސައިކަލު ފުލުހުން ޓޯކޮށްފައިވާކަމަށެވެ. މިގޮތުން ފުލުހުން އުޅަނދުތައް ނަގަމުންދާނީ މަޖީދީ މަގާއި އަމީނީ މަގު ހިމެނޭހެން ބަސް ދަތުރުކުރާ ރޫޓުތަކުގައި ގަވާއިދާ ޚިލާފަށް މަގުގައި ދަތުރުކުރުމަށް ދަތިވާނެހެން ޕާކުކޮށްފައި ހުންނަ އުޅަނދުތައްކަމަށް ފުލުހުން ވިދާޅުވެއެވެ.


މާލޭގައި އާންމު ދަތުރުފަތުރަށް އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ޕާކިންތައް ނަގައި ހުސްކޮށް ބަހަށް ދަތުރުކުރެވޭނެހެން ހެދީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މާފަންނުގައި އަދި ހެންވޭރުގައިވެސް ޕާކިންގ އޭރުވަނީ ޤާއިމުކޮށްފައެވެ. އެއާއެކު މަޖީދީ މަގާއި އަމީނީ މަގަކީ މަގުގެ ދެފަރާތުގައި ޕާކުނުކުރެވޭނެހެން ސަރުކާރުން ކަނޑައަޅާފައިވާ މަގުތަކެވެ.

އެހެންނަމަވެސް މަޖީދީ މަގުގައިވެސް އަދި އަމީނީ މަގުގައިވެސް ޕާކިންގެ މައްސަލަވަނީ ބޮޑުވެފައެވެ. މަޖީދީ މަގުގެ ދެފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުރުމުގެ ޝަކުވާ ބޮޑުވެފައިވާއިރު އަމީނީމަގުގެ އެކި ހިސާބުތަކުގައި ކާރު ޕާކުކުރާކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.

ނަމާދު ގަޑިތަކުގައި މިސްކިތްތައް ކައިރީގައި ޕާކުކުރިނަމަވެސް ފިޔަވަޅު ނާޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އެނޫން ގަޑިތަކުގައިވެސް ގިނަ އުޅަނދުތަކެއް އެމަގުތަކުގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި އެނޫން އުޅަނދުތަކަށްވެސް ދަތުރުކުރުމަށް ދަތިތަކާއި ކުރިމަތިވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް މިފަދައިން ގަވާއިދާ ޚިލާފަށް އެމަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.