ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ ފުރަތަމަ ދުވަހުގެ މެޗުތައް ޞަލާޙުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ރެހެންދި ސްކޫލް، އިސްކަންދަރު ސްކޫލް އަދި މަޖީދިއްޔާ ސްކޫލްއިން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން ފަށާފައިވަނީ 15 އަހަރުންދަށުގެ މެޗުތަކުންނެވެ. އެގޮތުން ފުރަތަމަ މެޗު ޞަލާޙުއްދީން ސްކޫލްއިން ކާމިޔާބުކުރީ 23-09 ގެ ތަފާތަކުން ދަރުމަވަންތަ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ޖީޑީ އާމިނަތު މަޢާޝްއެވެ.
ދެވަނަ މެޗު ހިރިޔާ ސްކޫލްއިން ކާމިޔާބުކޮށްފައިވާއިރު، އެސްކޫލްއިން ކަލާފާނު ބަލިކޮށްފައިވަނީ 16-09 ގެ ފަރަގަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީއޭ ޔަނާލް މުނީޒްއެވެ.
ތިންވަނަ މެޗުގައި ވާދަކޮށްފައިވަނީ ތާޖުއްދީން ސްކޫލް އަދި ރެހެންދި ސްކޫލް އެވެ. މިމެޗު ތާޖުއްދީންއިން ކާމިޔާބުކޮށްފައިވަނީ 27-06 ގެ ބޮޑު ފަރަގަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖީއޭ، އާއިޝަތު ތަނާލް ބިންތި އައިމަންއެވެ.
ހަތަރުވަނަ މެޗުގައި ހުރަވީ ސްކޫލްއިންވަނީ ފަސޭހަކަމާއެކު 23-03 ގެ ބޮޑު ތަފާތަކުން ޖަމާލުއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީއޭ އާމިނަތު ތުގާ ހުސައިންއެވެ.
ފަސްވަނަ މެޗު އިސްކަންދަރު ސްކޫލްއިން ކާމިޔާބުކޮށްފައިވާއިރު، މިމެޗު އިސްކަންދަރުން ނެގީ 21-05 ގެ ފަރަގަކުން ޝަހީދް އަލީ ސްކޫލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖީއޭ، ލިވާ އަލީ ޝާހިދްއެވެ.
މިމުބާރާތުގައި އިއްޔެ އެންމެ ތަފާތު ބޮޑު ސްކޯއެއް ފެނިގެންދިޔައީ އިއްޔެގެ ފަހު މެޗުގައެވެ. މިމެޗު މަޖީދިއްޔާ ސްކޫލްއިން ކާމިޔާބުކުރީ 34-0އިން އަމީނިއްޔާގެ މައްޗަށް ހޯދި މޮޅާއެކުގައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމު ޖީޑީ ކައިލީން ބިންތި އިބްރާހިމް ޝަހީމްއެވެ.
ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގައި މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރެއެވެ. 17 އަހަރުންދަށުގެ އުމުރުފުރާތަކަށް ޚާއްސަ މިމުބާރާތުގައި ދެ އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެއީ 17 އަހަރުންދަށުގެ އުމުރުފުރާގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ.
މިމުބާރާތުގައި މިއަދު 17 އަހަރުންދަށުގެ ފަސް މެޗެއް ކުޅުމަށްވަނީ ތާވަލުކޮށްފައެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލްއެވެ. ދެވަނަ މެޗުގައި ހުރަވީ ސްކޫލާއި ދަރުމަވަންތަ ވާދަކުރާއިރު، ތިންވަނަ މެޗުގައި ވާދަކުރާނީ ރެހެންސި ސްކޫލާއި މުހްޔިއްދީން ސްކޫލްއެވެ. އެޔަށްފަހު ބައްދަލުކުރާނީ ޣިޔާޘުއްދީން ސްކޫލް އަދި ތާޖުއްދީންއެވެ. އަދި ފަހު މެޗުގައި ކަލާފާން ސްކޫލް ނުކުންނާނީ ޖަމާލުއްދީން ސްކޫލާއި ދެކޮޅަށެވެ.
ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 17 އިން 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.