ޚަބަރު

"ޕޭޕަލްގެ ޚިދުމަތާއެކު އެންމެ ބޮޑަށް ފައިދާކުރާނީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް"


  • ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމަށް ހަދާފައިވާ އެޕްލިކޭޝަނެއް

ޕޭޕަލްގެ ޚިދުމަތާއެކު އެންމެ ބޮޑަށް ފައިދާކުރާނީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށްކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ "ޕޭޕަލް"ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމާއި ގުޅިގެން "ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތާއެކު އެންމެ ބޮޑަށް ފައިދާކުރާނީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށްކަމަށެވެ.

"ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ނިޔާޒް ވިދާޅުވީ ކުދި ވިޔަފާރިވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޑޮލަރުން ޕޭމަންޓު ދައްކާލެވޭނެ މަގުފަހިވެފަނެތުންކަމަށެވެ. މި މައްސަލައެއް ހައްލެއް ހޯދައިދީ، ޕޭޕަލްގެ ޚިދުމަތާއެކު ކުދި ފިހާރަތަކުން ތަކެތި ގަންނަން ބޭނުންވާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޑޮލަރުން ޕޭމަންޓު ދެއްކޭނެ މަގުފަހިވެގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

"މީގަ އެންމެ ބޮޑު ފައިދާއެއްކުރާނީ ގެސްޓްހައުސް ސެގްމެންޓްގަ އުޅޭ ފަރާތްތަކަށް. އުރީދޫގެ ޚިދުމަތްތަކަށް ބަލާލިޔަސް ރަށްރަށުގަ ހުންނަ ފިހާރަތަކުން ބުނާނެ ޓޫރިސްޓުން އެބަ ބުނެޔޭ ޑޮލަރޭ ތިމަންނަމެން އަތުގަ ހުރީ. ކިހިނެއްހޭ ލާރި މާރުކުރާނީ އަނބުރާ ބޭނުންވަނީވެސް ޑޮލަރޭ. މިއަދު އެމްފައިސާގެ ތެރެއިން ޕޭޕަލް އިންޓްގރޭޓް ކުރެވިގެން ދިޔައިމަ ރާއްޖޭގެ ކޮންމެ ފިހާރައެއްގަވެސް ކިތަންމެ ކުޑަ ފިހާރައެއްގަވެސް އެމްފައިސާ އެނައިބަލް ކޮށްލާފަ ޕޭޕަލް އެކައުންޓަށް ލިންކު ކޮށްލީމަ ނިމުނީ." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ކުރުނބާ ވިއްކާ ގާޑިޔާތަކުން ފެށިގެން ވޯޓަރސްޕޯޓްސްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޕޭޕަލްގެ ޚިދުމަތް ލިބޭނެކަމަށެވެ. އޭރުން، ވަގުތުން ޑޮލަރުން ޕޭމަންޓު ދެއްކޭނެކަމަށް ވިދާޅުވިއެވެ.

"ރަށްރަށުގެ ގެސްޓްހައުސްތަކުގަ މި ހުންނަ ކުރުނބާ ވިއްކާ ގާޑިޔާތައް. މި ގާޑިޔާތަކުގަވެސް މިހާރު ޕޭޕަލް އިން ޕޭމަންޓް ހަދާލެވޭނެ. ވޯޓަރސްޕޯޓްސް ތަންތަނުންވެސް ޕޭޕަލް އައިޑީ ޖަހާލާފަ ޕޭމަންޓު ހަދާލަންވީ. ޕޭމަންޓު ލިބެން ވަރަށް ފަސޭހަވެގެން މި ދިޔައީ" ނިޔާޒް ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތާއެކު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، އޭގެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުޞަތެއް ހުޅުވިގެންދާނެއެވެ.