އައްޑޫސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް، މަރަދޫފޭދޫ ކޯޓުން ބަންދުކޮށްފިއެވެ.
މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދާތީ، މަރަދޫފޭދޫ "އުއްމީދުގެ" ބަންދުކޮށްފައި ވަނީ ހޯމަ ދުވަހު، 90 ދުވަހުގެ މުއްދަތަށެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މަރަދޫފޭދޫ ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރުކަން ފާހަގަކޮށްލެވެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ބުނާ ގޮތުން މިފަދައިން ބަންދުކުރާ ތަންތަން ބަންދުކޮށްފައިވާ މުއްދަތުގައި އެ ތަންތަނަށް ވަދެނުކުތުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ ތަނަކަށް ހުއްދަ އާއި ނުލާ ވަނުމާއި، އެ ތަންތަނަށް ގެއްލުން ދިނުން ފަދަ އަމަލުތަކަކީ ޤާނޫނުގައި ހަރުކަށި ފިޔަވަޅު އެޅޭ ކުށްތައްކަން ފުލުހުންގެ އިދާރާއިން ވަނީ ހަނދާންކޮށްދެއްވާފައެވެ.
ދާދިފަހުން އައްޑޫސިޓީގެ ހިތަދޫގެ ގެއެއް ވެސް މިފަދަ ގޮތަކަށް ވަނީ ބަންދުކޮށްފައެވެ. ހިތަދޫ "ލާމިޔާގެ"، 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ވަނީ މި ހިނގާ ޖޫން މަހުގެ 8ވަނަ ދުވަހުއެވެ. އެ ގެ ބަންދުކޮށްފައި ހުރި މުއްދަތުގައި ،ޤަވާއިދާއި ޚިލާފަށް އެ ގެއަށް ވަތް މީހަކު ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
މީގެ އިތުރުން، ފުވައްމުލައް ސިޓީގައި، މަސްތުވާތަކެތި ވިއްކުމާއި، އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ކެފޭ އެއް ކަމަށް ތުހުމަތު ކުރެވޭ ތަނެއް މިދިޔަ މޭއި މަހު ވަނީ ބަންދުކޮށްފައެވެ. ކޯޓުއަމުރަކާއި އެކު ބަންދުކޮށްފައި ވަނީ އެ ސިޓީގެ ފުނާޑު އަވަށުގެ ގުލިސްތާނުގޭގެ ތަނެކެވެ.
ފުލުހުން ވަނީ އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކާ، އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އާއްމުންނަށް ޝުކުރު އަދާކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން އެ އިދާރާ އަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.