ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތުގެ ބަރލިންއަށް މިރޭ ފުރާވަޑައިގެންފިއެވެ. މި ފޯރަމް ކުރިއަށްދާނީ 15 ޖޫން އިން 21 ޖޫން 21 އަށް ޖަރުމަނުވިލާތުގެ ބަރލިންގައެވެ.
ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމަޢުތަކުގެ މަންދޫބުންގެ އިތުރުން އެބައެއްގެ ފެންވަރުގައި ހައްލުތައް ގާއިމުކުރަމުންދާ ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރާނެއެވެ. މަތީ ފަންތީގެ ބައިނަލްއަގުވާމީ މި ފޯރަމްގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅިގެން، މޫސުމީ ހިޖުރަކުރުމާއި، ވަޒަންދޫކޮށްދާންޖެހުމާއި، އަދި އެކަންކަމަށް ހޭނުމަށް ކަނޑައަޅާ އިސްތިރާޖީތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް އިތުރަށް ކުރިއެރުވުމެވެ.
މީގެއިތުރުން، މި އަހަރުގެ ފޯރަމް ވެގެންދާނީ ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަގުވާމީ އުސޫލުތައް ރަސްމީކޮށް ފާސްކުރާ ފޯރަމަށެވެ. މި މަތީ ފަންތީގެ އެއްބަސްވުމުން ބާރުއަޅަނީ، މީހުންގެ އަމިއްލަ މުޖުތަމައުތަކުގައި ދެމިތިބުމުގެ ހައްގު ހިމާޔަތްކޮށްދޭނެ ފަދަ ހޭނުމުގެ މަގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، އެހެން ސަރަހައްދަކަށް ބަދަލުވާންޖެހޭ ހާލަތްތަކުގައިވެސް، އެކަން ކުރަންވާނީ އިންސާނީ ކަރާމާތް ހިފަހައްޓައިގެންކަން މި އުސޫލުތަކުގައި ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން، މި އެއްބަސްވުންތައް، ޢަމަލީ ބައިވެރިވުމަކަށް ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.