ޚަބަރު

އެމްއެންޔޫ ޑީންސް އެވޯޑް ޕީއެސްއެމްގެ ޝާޒިޔާ، ޝިފްނާ އަދި އަޒްމާއަށް


  • ޑީންސް އެވޯޑް ދެނީ ސެމިސްޓަރތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް، ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްމްގެ އާމިނަތު ޝާޒިޔާ އާއި ޝިފްނާ އަޙްމަދު އަދި އައިޝަތު އަޒްމާ ޙާސިލްކޮށްފިއެވެ.

ޑީންސް އެވޯޑަކީ އެމްއެންޔޫގެ ފެކަލްޓީތަކުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ ސެމިސްޓަރއެއްގައިވެސް އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

ދިވެހި ނޫސްވެރިންގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ނޫސްވެރިކަމާ ގުޅުންހުރި ކޯސްތައް ފުރިހަމަކޮށް ދަސްވެނިވެފައިވާ ނޫސްވެރިން ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ. މިހާރުވެސް ނޫސްވެރިކަމާއި މީޑިއާ ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު އެމްއެންޔޫ ފެކަލްޓީ އޮފް އާޓްސްއިން ހިންގާ ޕްރޮގްރާމްތަލުގައި ދަނީ ތައުލީމު ޙާސިލުކުރަމުންނެވެ. ފެކަލްޓީ އޮފް އާޓްސްއިން ހިންގާ "ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ޕީއެސްގެ ނޫސްވެރިންނާއި ޕްރޮޑިއުސަރުންވެސް ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.

ފެކަލްޓީ އޮފް އާޓްސްއިން މިހަފްތާގައިވަނީ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ޑީންސް އެވޯޑް ދެއްވާފައެވެ. "ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ކޯހުގެ ފުރަތަމަ ބެޗްގެ 6 ދަރިވަރަކު ވަނީ ޑީންސް އެވޯޑް ހާސިލްކޮށްފައެވެ. މިފަހަރު ޑީންސް އެވޯޑް ލިބުނު ދަރިވަރުންގެ ތެރޭގައި ޕީއެސްއެމްގެ 3 މުވައްޒަފަކު ހިމެނެއެވެ.

އެވޯޑް ހާސިލުކުރި ޕީއެސްއެމްގެ މުވައްޒަފުން

  • ސީނިއަރ ޖާނަލިސްޓް އާމިނަތު ޝާޒިޔާ
  • ޖާނަލިސްޓް ޝިފްނާ އަޙްމަދު
  • މެނޭޖަރ ޕްރޮޑަކްޝަން އައިޝަތު އަޒްމާ

އާމިނަތު ޝާޒިޔާއަކީ މައިގަނޑުގޮތެެއްގައި ތަރައްޤީއާއި ގުޅުންހުރި ޚަބަރަށް ޚާއްސަ އަދި ޕްރޮގްރާމާއި ޚަބަރު ޕްރެޒެންޓްކުރާ ޖާޏަލިސްޓެކެވެ. ޝިފްނާއަކީ ވިޔަފާރީގެ ދާއިރާގެ ޚަބަރުތަކަށް ޚާއްސަ އަދި ޕްރޮގްރާމާއި ޚަބަރު ޕްރެޒެންޓްކުރާ ޖާޏަލިސްޓެކެވެ.

ޑީންސް އެވޯޑަކީ ކޮންމެ ސެމިސްޓަރއެއްގައި ކިޔަވާ މާއްދާތަކުން މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްސަ އެވޯޑެކެވެ. މިއީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު ހިފެހެއްޓުމަށާއި، ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ދެވޭ ހިތްވަރެކެވެ.

އެމްއެންޔޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ އެވެ.

އެމްއެންޔޫގެ މި ކޯހަކީ ރާއްޖޭގެ ތަފާތު އެކި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ މެދުގައި ވަރަށް މަޤްބޫލު ކޯހެކެވެ. މިހާރުވެސް މި ކޯހުގެ ތިން ބެޗެއްގެ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. ތަޖުރިބާކާރު ލެކްޗަރާއިންގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި ކޯހުގައި ނޫސްވެރިކަމުގެ އިތުރުން، ޕަބްލިކް ރިލޭޝަންސްއާއި އެހެނިހެން ފަންނީ ދާއިރާތަކުން މުހިންމު މަޢުލޫމާތުތަކެއް ދަނީ އުނގަންނައިދެމުންނެވެ.

މި ކޯހުގެ ތެރެއިން އަމަލީ ގޮތުން ހިންގޭ ތަފާތު ހަރަކާތްތަކަކީ މިއަދު ޤައުމީ ފެންވަރުގައި ބަލައިގަނެފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. މިއީ ހަމައެކަނި ފޮތުން އުނގަންނައިދޭ އެއްޗެއްގެ ބަދަލުގައި، އަމަލީ މައިދާނަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ތަޢުލީމީ، ޒިންމާދާރު އަދި ހުނަރުވެރި ކުދިން ބިނާކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މި މަސައްކަތުގެ ނަތީޖާ މިއަދު މި ފެންނަނީ ވަރަށް ފޮނިކޮށެވެ. ޕީއެސްއެމްގެ ނޫސްވެރިން ހޯދި މި ކާމިޔާބީއަކީ މަސައްކަތުގެ މައިދާނުގައި އުޅެމުންވެސް ތަޢުލީމީ ގޮތުން މަތީ ވަނަތައް ހޯދިދާނެކަމުގެ ރީތި މިސާލެކެވެ. މިފަދަ ކޯސްތަކުގެ ސަބަބުން ރާއްޖޭގެ މީޑިއާ ދާއިރާ އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.