ހައްޖުވެރިންނަށް ޚާއްސަކޮށް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ފްލޫކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.
ކުރިން މި ފްލޫ ކްލިނިކުން ޚިދުމަތް ދެމުން ދިޔައީ މެންދުރު ފަހު 14:00 އިން ރޭގަނޑު 22:00 އާއި ހަމަޔަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ ޚިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައި މިހާރު އެކުލިނިކުންދޭ ޚިދުމަތް ހެނދުނު 10:00 އިން ރޭގަނޑު 10:00 އާއި ހަމަޔަށް ލިބޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި މި ފްލޫކްލިނިކް ހުންނަނީ މައި ކައުންޓަރު ކަރިން ވާތް ފަޅީގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަމީހުންގެ އަދަދު އިތުރުވަމުންދާކަމަށާއި، އިއްޔެގެ ވަގުތުތަކުގައިވެސް ޑޮކްޓަރަށް ދެއްކުމަށް ކިޔުގައި މީހުން ތިބޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޚިދުމަތްހޯދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ވަގުތު އިތުރުކުރީކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަށް އަދާކުރުމަށް ފަހު، ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހައްޖުވެރިން ހައްޖުން އައުމުގެ ކުރިޔަށް ހައްޖުވެރިންނަށް އެ ހޮސްޕިޓަލުން ފަސޭހައިން ޚިދުމަތްތައް ދިނުމަށް ތައްޔާރީތައް ވެފައެވެ.
ހައްޖާޖީން މި ފްލޫ ކްލިނިކުން ޚިދުމަތް ހޯދަން އަންނަ އިރު މާސްކު އެޅުމާ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާލުވީ ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކާ ދެވޭ ފަރުވާތަކާ ސިއްހީ އިރުޝާދު ހޯދެއްވުމަށް 1417 ހޮޓްލައިންއަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް ވިދާޅުވިއެވެ.
ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކްގެ ޚިދުމަތް ދެމެންދާ ވަގުތު މިހާރުވަނީ އިތުރުކުރެވިފައި:
— Hulhumalé Hospital (@HMH_mv) June 11, 2026
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެެއްގެ ހެންދުނު 10:00
އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް 1417އަށް ގުޅުއްވާ….@HPA_MV pic.twitter.com/iNqjNYFuy3
ޙައްޖާޖީން ރާއްޖެ އައިސް ބަލީގެ އަލާމާތެ ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އައިޖީއެމްއެޗްގައިވެސް ވަނީ ޙައްޖުން އަންނަމީހުނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ޙައްޖުން އެނބުރި އައުމަށްފަހު ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އައިޖީއެމްއެޗްގެ އީއާރަށް ވަޑައިގެން ޓްރައޭޖް ކައުންޓަރުގައި ޙައްޖުންއައި ފަރާތެއްކަން ބުނެލުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެފައިވާ މިދުވަސްވަރު ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މީސްމީޑިއާގެ މަންސަތަކުގައި އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.