ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގްގައި ބާއްވާ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ 2026ގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްދަނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. މިމަހުގެ 11 އިން 16އަށް ބާއްވާ މި އެކްސްޕޯއަކީ ސަރަޙައްދުގައި ބައިނަލްއަޤުވާމީ ވިޔަފާރިއާއި ކަސްޓަމަރުންނަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި އެކްސްޕޯގެ ތެރެއިން އިޤްތިޞާދީ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މި ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތަކާއި، ޚިދުމަތްތައް އަދި ތަފާތު ތަޖުރިބާތައް ދުނިޔެއަށް ދައްކާލުމަށް މަގުފަހިކޮށްދީފައެވެ. ރާއްޖޭގެ ވަފުގައި ވިފްކޯ، އޮތެންޓިކް މޯލްޑިވްސް، ލަވް މީ، އަންބަލަންގެ، އެރީނާ މޯލްޑިވްސް އަދި ވީވާ ޓްރިޕްސްއިން ބައިވެރިވެއެވެ.
މިއީ މި ސަރަހައްދުގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވުމާއެކު، ޗައިނާ އާއި ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، ސިނާއަތުގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާއާ ގުޅުން ބަދަހިކުރުމަށް ރާއްޖެއަށް މުހިންމު ފުރުސަތުތަކެއް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ވިޒިޓް މޯލްޑިވްސްއިން ދަނީ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ދާއިރާތައް ގިނަ އަދަދެއްގެ ބަޔަކަށް ތަޢާރަފްކޮށް، ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށްވެސް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަމުންނެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކާއި، ބުޓީކް ހޮޓާތަކާއި، ލޯކަލް ޓޫރިޒަމް، ވޯޓަރ ސްޕޯޓްސްގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަގާފަތާ ބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ.
ރާއްޖޭގެ ޕެވިލިއަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ އިޝްތިހާރުތައް ބަލާލުމުގެ ފުރުޞަތު ލިބުމުގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި މެހުމާންދާރީ ދައްކުވައިދޭ އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ. މީގެއިތުރުން، މި ސްޓޭންޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަެރިވާ ފަރާތްތަކާއި ސަރަޙައްދީ ފަތުރުވެރިމަުގެ އިސް ބޭފުޅުންނާ ގުޅުން ބަދަހިކުރުމަށް ހުޅުވާލެވިފައިވާ މުހިންމު މަރުކަޒެކެވެ.
"ޗައިނާ- ސައުތު އޭޝިއާ އެކްސްޕޮޒިޝަނަކީ އެންމެ މުހިއްމު އެއް މާކެޓުގެ ކަސްޓަމަރުންނާއި ދާއިރާގެ ބައިވެރިންނާ ސީދާ ބައްދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް، މި އެކްސްޕޯގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާވުމުގެ އިތުރުން، ދިވެހި ވިޔަފާރިތަކަށް އައު މާކެޓެތަކަށް ތައާރަފްވެ، ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ." ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.
ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓަކަށްވާއިރު، ސީއެސްއޭއީ 2026 ގައި ބައިވެރިވުމަކީ ރާއްޖޭގެ މާކެޓު ހިއްސާ ދެމެހެއްޓުމަށާއި، އޭޝިއާގެ މުހިންމު މާކެޓުތަކުން ރާއްޖެއެަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.