ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދީ، ފައިނަލުގައި އަފްޣާނިސްޠާނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މެޗުގައި ޕާކިސްތާނުން ޖެހި ފުރަތަނ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ، ލަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕާކިސްތާނުން ލަނޑުޖެހީ މެޗުގެ 24 ވަނަ މިނެޓުގައެވެ.
ޕާކިސްތާނުގެ ކުޅުންތެރިން އޭރިއާތެރެއަށް ނަގައިދިން ހުރަހެއް އަފްޣާނިސްޠާނުގެ ޑިފެންޑަރަކު ދިފާއުކުރަން ޖައްސާލި ބޯޅަ، އޭރިއާ ބޭރުގައި ހުރި ޕާކިސްތާނުގެ ކުޅުންތެރިއަކު ފޮނުވާލަން މަސައްކަތްކުރި ބޯޅައަކުން ތަނަވަސްވި ފުރުސަތެއްގައި، އޯވަހެޑް ކިކަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝާޔަކް ދޯސްތެވެ.
މެޗުގައި އަފްޣާނިސްޠާނުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އެ ޓީމުގެ އޮމަދު މުސާވީ ފޮނުވާލި ހަމަލާއެކެވެ. އޭރިއާ ބޭރުގަިއ ހުރެފައި އޮމަދު ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގައި ޕާކިސްތާނުން ދެވަނަ ލަނޑުޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މިއީ އޭރިއާ ތެރެއިން އަފްޣާނިސްޠާނުގެ އަލީ ރަޔޭސް މުރާދީ ކައިރިން ބޯޅަ ހޯދައި، އޭނާ ކައިރިން ބީޓުކޮށްލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕާކިސްޠާނުގެ ހާރޫން އައް ރާޝިދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއިއެކު ޕާކިސްތާނުން އަފްޣާނިސްޠާނުގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ޕާކިސްޠާނުން ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްޠާނުގެ ފުރަތަމަ ލަނޑުޖަހައިދިން ޝާޔަކް ދޯސްތެވެ. މުބާރާތުގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ ޕާކިސްޠާނުގެ ދެވަނަ ލަނޑުޖަހައިދިން ހާރޫނެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޕާކިސްތާނުގެ އޯޓިސް ޖާން މުޙައްމަދު ހޮވުނުއިރު މޮޅު ކުޅުންތެރިޔާ އަދި ޗެމްޕިން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ޕާކިސްޠާނުގެ ކުރިމަތިލުން އެއްވަރުވިއިރު ދެވަނަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެވެސް ޕާކިސްޠާން ވަނީ މޮޅުވެފައެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަފްޣާނިސްޠާނާ ދެކޮޅަށް ކުޅެ، އެ މެޗުން ވެސް ޕާކިސްޠާން ވަނީ މޮޅުވެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕާކިސްޠާނަކީ މި މުބާރާތުގައި ވާދަކުރި ހަތަރު ގައުމުގެ ތެރެއިން ފީފާ ރޭންކިންގައި އެންމެ ދަށުން ދަރަޖަ ކުރެވިފައިވާ ޤައުމެވެ. ފައިނަލުގައި ޕާކިސްޠާނާ ދެކޮޅަށް ނުކުތް އަފްޣާނިސްޠާނަކީ އެންމެ މަތިން ރޭންކު ކުރެވިފައިވާ ގައުމެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވި ބަންގްލަދޭޝްއަށް ލިބުނީ ތިންވަނައެވެ. ފުލުގައި މުބާރާތް ނިންމާލީ ދިވެހިރާއްޖެއެވެ.