އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 އާ ގުޅުގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޙާއްސަ ކަވަރޭޖްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޕީއެސްއެމްގެ ކަވަރޭޖްގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް، ޕީއެސްއެމް ޓީވީ ބިލްޑިންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ޕޯސްޓާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރިއިރު، ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
މި އެއްބަސްވުމުގައި ޕޯސްޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ޝަހީދް އިބްރާޙިމެވެ.
މި ރަސްމިއްޔާތުގައި، މި ކަވަރޭޖުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ދެ ޕާޓްނަރުންނާއެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެގޮތުން ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެއްސީ އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
އެލައިޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އަންޑަރައިޓިން އޮފިސަރ، އުދުލިއާނާ ރުސެއީއެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކިއުޓިވް އޮފިސަރ (ސީއީއޯ)، ކެޕްޓަން ޙުސެއިން ޝަފީޤެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ ކަވަރޭޖް ޕާޓްނަރުންގެ ގޮތުގައި ފަސް ފަރާތެއް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ކަވަރޭޖް ޕާޓްނަރު ވިލާ ކޮލެޖްގެ ފަރާތުން ވައިސް ރެކްޓަރ. ޑރ. އަލީ ނަޖީބް ސޮއިކުރެއްވިއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ސިނާން އަލީއެވެ.
އަދި ކަވަރޭޖް ޕާޓްނަރ އައިލެންޑް ޕާފިއުމްސްގެ ފަރާތުން ޑިރެކްޓަރ އަބްދުﷲ ޝަބީން ސޮއިކުރެއްވިއިރު އީޒެޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ފައިނޭންޝަލް އޮފިސަރ އަބްދުﷲ މިއުވާން ޝަރީފެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ދެން ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ޕްރޮކްސީއާއެކުއެވެ. ޕްރޮކްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން ކޮންސަލްޓެންޓް އަޝީރު އަބްދުލް އަޒީޒެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ މުބާރާތްގައި ގެނެސްދޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
މިއީ ތާރީޚުގައި ވެސް، "މުޅިން ހިލޭ" ދިވެހިންނަށް ވޯލްޑް ކަޕް ބަލާލެވޭނެ ފުރަތަމަ ފަހަރެވެ. މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް ދިވެހިންނާ ހަމައަށް ގެނެސްދޭއިރު، މީޑިއާނެޓްގެ ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށް ވެސް، އެއްވެސް ޗާޖެއް ނުލައި މުޅިން ހިލޭ ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭނެއެވެ.
48 ގައުމު ބައިވެރިވާހެން އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މިފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ޝައުގުވެރި، އެންމެ ގިނަބައެއްގެ ބައިވެރިވުން އެކުލެވޭ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވެގެންދާނެއެވެ.
ޕީއެސްއެމް އިން މަސައްކަތްކުރަމުންދަނީ އެ ތިން ގައުމުގެ ދަނޑުތަކުގައި ނަގާ ފޯރި، ރާއްޖޭގެ ގޭގޭގެ ސިޓިން ރޫމްތަކާއި އެކިއެކި ޖަގަހަ ތަކާއި ބޮޑު ސްކްރީންތަކަށް ގެނެސްދިނުމަށެވެ. ޕީއެސްއެމްގެ އަމާޒަކީ، މި ފަހަރުގެ ވޯލްޑް ކަޕަކީ ދިވެހިންނަށް ވެސް ޙާއްސަ، ދިވެހިން އެދޭފަދަ، ބޭނުންވާ ފަދަ ކަވަރޭޖެއް ގެނެސްދެވޭ ވޯލްޑް ކަޕަކަށް ހެދުމެވެ.