ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގައި ކުރިއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ވާދަކުރުމަށް، ރާއްޖޭގެ 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ޓީމުތައް އެގައުމަށް ފުރައިފިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 6 ގައުމަކުން ވާދަކުރާނެއެވެ. އެއީ، އިންޑިއާ، ނޭޕާލް، ޔަމަން، ދިވެހިރާއްޖެ، އަފްޣާނިސްތާން އަދި މުބާރާތް ބާއްވާ ގައުމުކަމަށްވާ ބަންގްލަދޭޝްއެވެ.
މުބާރާތުގެ 20 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން، ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ޔަމަނެވެ. ގުރޫޕް ބީގައި ރާއްޖެއާއެކު ހިމެނެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހުރިހާ ޓީމެއްވެސް އެއް ޓީމު އަނެއް ޓީމާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގޮތަށް، ނުވަތަ "ރައުންޑް-ރޮބިން" ފޯމެޓަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަޙްމަދު މުޖުޠަބާ ވަނީ، ޓީމުތައް މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުކަން ފާހަގަކުރައްވާ، ކުޅުންތެރިންނަށް ސަޕޯޓަރުންގެ ހިތްވަރު ދެއްވުމަށް އެދިލައްވާފައެވެ.
މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި، ރާއްޖެ ގަޑިން 13:00 ގައި މާދަމާ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.