ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރު


  • މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން

  • ދެ ޓީމުންވެސް ލަނޑު ޖެހީ ލިބުނު ޕެނަލްޓީން

  • ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އަފްޣާން

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗު ފަށައިގެން ކުރީކޮޅުގައި ބަންގްލަދޭޝް އިން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކުރަން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް މިއިން ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވިއެވެ.

މެޗުގައި ރާއްޖެއިން ލަނޑުޖެހީ ލިބުނު ޕެނަލްޓީއެއްގައި، މެޗުގެ 13 ވަނަ މިނެޓުގައެވެ. މިއީ ބަންގްލަދޭޝް ހާފުގެ މެދެއްހައި ހިސާބުން ލިބުނު ބޯޅައެއްގައި އަޙްމަދު އައިހަމް ވަރަށް ރީތިކޮށް ދިން ތުރޫ ޕާހެއް ހޯދައި، އޭރިއާ ތެރެއިން ބޯޅައާއިއެކު ކުރިއަށްދާން އަބްދުﷲ ލޫތު އިބްރާޙިމް ޖައްސާލުމާއެކު، ބަންގްލަދޭޝްގެ ޕްރޮނޯއީ އެނޮސެންޓް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ލިބުނު ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ރާއްޖެއަށް ލީޑުނަގައިދިނީ މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ.

މި ނަތީޖާއާއިއެކު ފުރަތަމަ ހާފު ނިމުނުއިރު ބަންގްލަދޭޝްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. މިއީ ބަންގްލަދޭޝްގެ ކުޅުންތެރިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭރިއާ ތެރެއިން ރާއްޖޭގެ އަމްދާން އަލީގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުން ކާމިޔާބުކުރި ލަނޑެކެވެ.

މި ޕެނަލްޓީގައި ގޯލް ޖަހައި މެޗުގެ ނަތީޖާ ބަންގްލަދޭޝްއަށް ހަމަހަމަކޮށްދިނީ މިރަޖުލް އިސްލާމެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުގައި ޖުމްލަ ތިން ރަތް ކާޑު ފެނިގެން ގޮސްފައިވެއވެެ. މި ތިން ރަތް ކާޑަކީ ވެސް ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަދައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން ދެއްކި ރަތްކާޑު ތަކެކެވެ. އެގޮތުން ފުރަތަމަ ރަތްކާޑު ދެއްކީ ބަންގްލަދޭޝްގެ ޓީމު މެނޭޖަރަށެވެ. ދެވަނަ ރަތްކާޑު ދެއްކީ އެ ޓީމުގެ ލަނޑުޖަހައިދިން މިރުޖުލް އަށެވެ. އަދި ފަހު ރަތްކާޑު ދެއްކީ އަލް އަމީނަށެވެ.

މި މެޗު އެއްވަރުވުމާއެކު، ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝްއަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ. ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝަށް އޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ ބަލިކުރުމެވެ.

މުބާރާތުގައި ރާއްޖެއިން މި މެޗާ ހަމައަށް ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަފްޣާނިސްޠާން އަތުން 0-1 އިން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 0-3 އިންނެވެ. އެހެންކަމުން މި މެޗާ ހަމައަށް އައި އިރު ވެސް ރާއްޖެ އޮތީ މުބާރާތުން ކަޓާފައެވެ.

ލީގު ބުރުގެ ފަހުމެޗަށްފަހު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު، އެއްވަނައިގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދި ޕާކިސްތާނަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އަފްޣާނިސްޠާނުން ފައިނަލްގެ ޖާގަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

ތިންވަނަ ލިބުނު ބަންގްލަދޭޝްއަށް ތިން މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި ރާއްޖެ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ޕާކިސްތާނާއި އަފްޣާނިސްޠާން ބައްދަލުކުރާ މި މެޗު އޮންނާނީ އެރޭ 21:00 ގައެވެ.