ޚަބަރު

ރަޝިޔާއިން ޒިޔާރަތްކުރި ފަތުރުވެރިން %21 އިތުރު


  • ރަޝިޔާއިން 130،414 ފަތުރުވެރިން އައިސްފައިވޭ

  • ރަޝިއާއަކީ 2އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު %21 އިތުރުވެއްޖެއެވެ. ރަޝިޔާއަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ވަނީ 130،414 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 107،518 ފަތުރުވެރިންނާ އަޅާ ބަލާއިރު %21 އިތުރު އަދަދެކެވެ. ރަޝިޔާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އަދި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %13 ހިއްސާކުރަނީ ރަޝިޔާ ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

ޗައިނާ: 147,922 ފަތުރުވެރިން
ރަޝިއާ: 130,414 ފަތުރުވެރިން
އިނގިރޭސިވިލާތް: 81,409 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 966,593 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ކަމުގައިވާ 1,012,735 ފަތުރުވެރިންނާ އަޅާ ބަލާއިރު 4 އިންސައްތަ ދަށް އަދަދެކެވެ.

މެދުއިރުމަތީގެ ހަނގުރާމައާގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މިހާރު އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ނިމުނު މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,284 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67،000 އިން މައްޗަށް އަރައެވެ.