ޚަބަރު

ދެމެހެއްޓެނިވި އާދަތަކާއެކު، ތިމާވެށި ހިމާޔަތްކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ


  • ޖޫން 5ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް

  • މި އަހަރުގެ ޝިޔާރަކީ "އިންސްޕަޔަޑް ބައި ނޭޗަރ، ފޯ ކްލައިމެޓް، ފޯ އަވަރ ފިއުޗަރ".

1973ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވަނީ "އިންސްޕަޔަޑް ބައި ނޭޗަރ، ފޯ ކްލައިމެޓް، ފޯ އަވަރ ފިއުޗަރ" މި ޝިޔާރެވެ.

އިންޑިއާގެ ކަނޑުގައި މުތްތަކެއް ފަދައިން އެތުރިފައިވާ ޤައުމެއްވެއެވެ. ޤައުމުގެ އިޤްތިޞާދާއި ސަޤާފަތް ބައްޓަންވެ ބަރޯސާ ވަނީ ކަނޑުގެ އޮއިވަރުތައް ހުންނަ ގޮތަކަށެވެ. ޤައުމުގެ މީހުން ދިރިއުޅެނީ އޮއިވަރުގެ ބާނީތަކާއެކުގައެވެ. އަދި ތާރީޚު އުފުލިގެންދަނީ ވައިރޯޅިތަކުންނެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ޤައުމު، ދިވެހިރާއްޖޭގެ ވާހަކައެވެ.

މަތިން ބަލާއިރު، ރާއްޖޭގެ ރަށްތައް ފެންނަނީ ގިނަ ބަޔަކު ދެކެން ބޭނުންވާ ފަދަ ހުވަފެނެއް ފަދައިންނެވެ. ހުދު ވެލިގަނޑުތަކުގެ ވަށައިގެން، ނޫ ފެންފަށަލަތައް އޮންނަ ގޮތުން ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ އެންމެ މަތިވެރި މިސާލެވެ.

އެހެނަސް، ޒަމާން ބަދަލުވެ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މި ހިތްގައިމު ތަސްވީރުތައް ދަނީ މިހާރު ބަދަލުވަމުންނެވެ. ކުރިން ހުދުކޮށް އޮމާންކޮށް ހުރި ގޮނޑުދޮށްތައް މިހާރު ކުނިބުނިން ތަޣައްޔަރުވެ، އޭގެ ހަޤީޤީ ރީތިކަން ދަނީ ގެއްލެމުންނެވެ. މި ބަދަލަކީ ހަމައެކަނި ފެންނަ މަންޒަރަށް އަންނަ ބަދަލުތަކުގެ އިތުރަށް މިއީ މުޅި ތިމާވެށްޓަށާއި، އެތަނުގައި ދިރިއުޅޭ ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުގެ ނިޝާނެކެވެ.

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ތިމާވެށީގެ މައްސަލަތައް އިތުރުވެ ތިމާވެށީގެންވާ މައްސަލަތަކުގެ ޝިކާރައަކަށް ނުވާ ޤައުމެއް ނެތޭ ބުނެވިދާނެއެވެ. މޫސުން ބަދަލުވުމާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާ، ޖަންގަލިތައް ނެތި ދިއުމާ، ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ތިމާވެށީގެ މައްސަލަތަކީ މިއަދު ކުރިމަތިވަމުން އަންނަ ބޮޑެތި މައްސަލަތެކެއްކަން ދިރާސާތަކާއި ފެންނަ މަންޒަރުތަކުން ހާމަވެއެވެ.

ރާއްޖެއަށް ބަލާއިރުވެސް، ތިމާވެށީގެ ގިނަ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އާދަޔާ ޚިލާފަށް ހޫނު ގަދަވުމާ، ވާރޭ ވެހޭ މިންވަރުގެ އިތުރުން އުދަ އެރުމާއި ރަށްގިރުމާއި، ފަރުތަކާއި މުރަކަތައް ހުދުވުމާއި، ވައި ތަޣައްޔަރުވުމުގެ އިތުރުން ކުނީގެ މައްސަލަކީ މިއަދު ދިވެހިރާއްޖެ ކުރިމަތިލަމުން އަންނަ ތިމާވެށީގެ ބޮޑެތި މައްސަލަތަކެވެ. މިއީ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މީގެ ގެއްލުން ރާއްޖެއަށް އިންތިހާއަށް ބޮޑު މައްސަލަތަކެކެވެ.

ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާއިރު، މި އާމްދަނީ ރާއްޖެއަށް ވަންނުން އޮންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކުރަން ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތާ ގުޅިފައެވެ. އެހެންކަމުން ވެށި ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައާއި ރަށު ފެންވަރުގައި އަދި ފަރުދީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ތިމާވެއްޓާ ރައްޓެހި ޤައުމެއްގެ މުހިންމު ޢަމާޒުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. ރާއްޖެއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއިން "ނެޓް ޒީރޯ" ޢަމާޒު ހާސިލްކުރުމެވެ. އެއީ ހަކަތަ އުފެއްދުމަށް ތެޔޮ އަންދާ އެންދުން މުޅިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ޢަމާޒެކެވެ.

ބައިނަލްއަޤްވާމީ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން، "ކޮޕް 28" ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ 2028ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެތެރެއިން ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ހުއްދަދިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި 150 މެގަވޮޓްގެ އަވިން ހަކަރަ އުފައްދާ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ކެނެޑާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ހަކަތަ އުފެއްދުމުގައި ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ފުރުޞަތު ރާއްޖޭގައި އޮތްތޯ ދަނީ ދިރާސާކުރަމުންނެވެ.

ތިމަވެއްޓާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަނީ އެކަމަށް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ވަކާލާތުކުރައްވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ރާއްޖޭގެ އަޑު ގަދަކޮށް، ކުރިއެރުންތައްވެސް ދަނީ ހޯދަމުންނެވެ. މީގެއިތުރުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމާއި ރާއްޖޭގެ އިތުރު 3 ސަރަޙައްދެގައި ބަޔޯސްފިއަރ ރިޒަރވް ޤާއުމުކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.

ކުނީގެ މައްސަލައަކީ ތިމާވެއްޓާއި ގުޅުންހުރި މައްސަލައަކަށްވާއިރު ސަރުކާރުން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރާނެކަން އިޢުލާނުކުރައްވާފައެވެ. ތިމާވެއްޓާ ރައްޓެހި މުޖުތަމަޢެއް ބިނާކުރުމަށް ފަރުދީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން ބޭކާރު ގޮތުގައި ކަރަންޓުގެ ވަސީލަތްތައް ބޭނުންކުރުން މަދުކުރުމާއި ޕްލާސްޓިކާއި ކުނި އުފައްދާ މިންވަރު މަދުކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ވެށި އާލާކުރުމާއި ގަސް އިންދާ މިންވަރު އިތުރުކޮށް، ތިމާވެއްޓަށް ގެއްލުންވާފަދަ ޢަމަލުތަކުން ދުރުވުން ވަރަށް މުހިންމެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވެށީގެ ރައްކާތެރިކަން އަންނަން ޖީލުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، އެކަންކަން ކާމިޔާބުކުރެވޭނީ އެންމެން އެކީގައި، ގުޅިގެން މަސައްކަތްކޮށްގެންނެވެ.