26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ އެވުޒާރާއިން ވިދާޅުވީ މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ޗައިނާ ސަރުކާރުން އެ ވުޒާރާއަށް އަނގާފައިވާކަަމަށެވެ.
ޗައިނާގެ ޒިއަމެންގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 8 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް އަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ، ބައިނަލްއަޤްވާމީ އިންވަސްޓްމަންޓް މައުރަޒެކެވެ. މިމައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު ދީފައެވެ.
މި މައުރަޒުގެ މަޤްސަދަކީ ޕްރެކްޓިކަލް އިންވެސްޓްމަންޓްތަކަށް ޕްލެޓްފޯމެއް ހޯދައިދީ، އިންވަސްޓްމަންޓާއި ޕޮލިސީއާ ގުޅުންހުރި މަޝްވަރާތައް ކުރިޔަށްގެންދެވޭނެ މާހައުލެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކާއި، ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެއެވެ.
އެވުޒާރާއިން ވިދާޅުވީ މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މައުރަޒުގެ ރަސްމީ ވެބްސައިޓް www.chinafair.org.cn މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާކަމުގެ މައުލޫމާތު [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ. އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑްގެ ވެބްސައިޓް www.chinafair.org.cn އިންވެސް ލިބޭނެކަމަށެވެ.