އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ތަޙުގީގަށްފަހު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ކުރީގެ ރައީސް ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދުކަމަށް އޭސީސީން ވިދާޅުވިއެވެ.
އޭސީސީން ވިދާޅުވީ، މި މައްސަލައިގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) ނަމަކަށް ކިޔާ ކުންފުންޏެއްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައިވާކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު ޢަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ އަދި މިފައިސާ ބައްސާމު ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަންވެސް ތަޙުޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީންވަނީ ވިދާޅުވެފައެވެ.
ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ނިންމައިފި https://t.co/Anuhs45wbr
— ACC-MALDIVES (@ACC_Maldives) June 1, 2026
ބައްސާމު ޢަދީލް ޖަލީލްވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބައްސާމު ސޮއިކޮށްފައިވާކަމަށްވެސް އޭސީސީން ފާހަގަކުރައްވައެވެ.
މިމައްސަލައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.