ޚަބަރު

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ


  • ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމަވާފައި

  • މިއީ، ޒުވާނުންގެ ރައްކާތެރިކަމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި، ކުޑަ މުޖުތަމަޢެއް ކަމަށެވެ. އެހެންކަމުން، މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމުގައި ޚާއްޞަ އިސްކަމެއް ދޭންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ އުޞޫލުތަކަށް ރިޢާޔަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިއީ މިއަދު އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިން މިހާރު ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ނިސްބަތުން ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ. ޚާއްޞަކޮށް 'ސައިބަރ ބުލީންގ'އަކީ، ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، އެފަދަ ކަންކަމުން ކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގގެ ނުރައްކަލަކީ މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ނުރައްކަލުން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން ވަނީ ގަސްތުކުރައްވާފައެވެ. މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަޤުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި މިކަމާއި ގުޅޭ މަސައްކަތްތައް ނިންމާ، އުންމީދުކުރަނީ ގިނަވެގެން 1 އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން. އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާއި ދުރަށް ދިއުމެކޭ. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0" ރައީސް ވިދާޅުވިއެވެ.

މި އައު ނިޒާމުގެ ސަބަބުން ކުދިންގެ ތަޢުލީމީ ކުރިއެރުމަށާއި، އިންޓަނެޓުގެ ޒަރިއްޔާއިން އައު ހުނަރުތައް ދަސްކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުދާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. ސަރުކާރުގެ އުންމީދަކީ، އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން، މި އަހަރުގެ ތެރޭގައިވެސް މިކަމުގެ އަމަލީ ނަތީޖާ ފެންނަން ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.