މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މުބާރާތަށް ކޭމްޕުކޮށްފިއެވެ.
ރާއްޖެ ޓީމު ހިމެނޭހެން މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު ވެސް މިހާރު ކޭމްޕުކޮށްފައިވާއިރު ހުރިހާ ޓީމެއް ވެސް ކޭމްޕުކޮށްފައި ވަނީ ބާސެލޯ ނަސަންދުރައިގައެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އައިސްފައި ވަނީ އިއްޔެ ހެނދުނާއި މެންދުރެވެ. އެގޮތުން އަފްޣާނިސްތާން ޓީމުން އިއްޔެ ހެނދުނު ރާއްޖެ އައިއިރު، ބަންގްލަދޭޝް ޓީމާއި ޕާކިސްތާން ޓީމު ރާއްޖެ އައީ މެންދުރު ފަހުއެވެ.
އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޤައުމީ ޓީމުން މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ސްކޮޑު ފާހަގަކުރެވެނީ ތަފާތު ސްކޮޑެއްގެ ގޮތުގައެވެ. އެގޮތުން ސްކޮޑުގެ އެއްބަޔަކީ 30 އަހަރުން މަތީގެ ކުޅުންތެރިން ކަމަށްވާއިރު 20 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ސްކޮޑުގައި ހިމަނާފައިވެއެވެ.
ރާއްޖެއިން މުބާރާތަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާޤް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ. ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު، ޒަހުރާން ހަސަން ޒިޔާދު، ޕްރެޒިޑެންޓްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުޒަމް ރަޝީދު ފާޙަގަކޮށްލަން ޖެހެއެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާރޭ 21:00 ގައެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.