ޚަބަރު

ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ ދެ މެޗުގެ ޓިކެޓުތައް މިއަދު ވިއްކަނީ


  • މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝާއި ޕާކިސްތާން

  • ދެވަނަ މެޗުގައި ކުޅޭނީ ރާއްޖެއާއި އަފްޣާނިސްޠާން

މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. މި މެޗު ކުޅޭނީ ހަވީރު 16:00 ގައެވެ.

މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްޠާނެވެ. 21:00 ގައި ފަށާ މި މެޗުގެ ކުރިން، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބާއްވާނެއެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ މުބާރާތުގެ ފުރަތަމަ ދެ މެޗުގެ ޓިކެޓު ވިއްކަން ފަށާނީ މިއަދު މެންދުރު 12:00 ގައި ކަމަށެވެ. އަދި ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުގައިކަމަށް ވެސް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

މެޗު ޓިކެޓުގެ އަގުތަކަށް ބަލާލާއިރު ސިޑިބަރީގެ ޓިކެޓު އުޅެނީ 100ރ އަށެވެ. ގޮނޑިބަރިން ޓިކެޓެއް ލިބެނީ 200ރ. އަށެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެއާއި އަފްޣާނިސްޠާން ބައްދަލުކުރާއިރު، މި މުބާރާތުގައި ރާއްޖެ ޓީމަށް އަމިއްލަ ފަސްގަނޑުގައި، ދިވެހި ސަޕޯޓަރުންގެ ފުރިހަމަ އެހީތެރިކަން ލިބި، ދަނޑު ފުރައިލައި، ޓީމަށް ސަޕޯޓު ދިނުމަށް ގައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ އެދެމުންނެވެ.

ދިވެހި ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހިތްވަރުކަމަށް އެ ކުޅުންތެރިން ބުނެއެވެ.

ރާއްޖެއަށް ފުޓުބޯޅައިގައި އެތައް ޝަރަފެއް ހޯދާދީފައިވާ ޤައުމީ ތަރި، އަލީ އަޝްފާޤް (ދަގަނޑޭ) ވަނީ، 12 ވަނަ ކުޅުންތެރިޔާގެ ދައުރު ފުރިހަމައަށް އަދާކޮށްދީ، ދަނޑު ފުރާލަދިނުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާނާ ދެކޮޅަށް ނުކުންނައިރު ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ފާއިތުވީ ނުވަ އަހަރުގެ ތެރޭގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާނެ ފުރަތަމަ މެޗެވެ. އެންމެފަހުން މި ދެ ގައުމުން ފުޓުބޯޅައިގައި ކުރިމަތިލީ 2017 ވަނަ އަހަރު، ދުބާއީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އަފްޣާނިސްތާނުން އެންމެފަހުން ރާއްޖޭގައި މެޗެއް ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ އޭއެފްސީ ޗެލެންޖް ކަޕްގައެވެ. އެ ފަހަރު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅެ، ޕެނަލްޓީގައި އަފްޣާނިސްތާން ވީ ބައްޔެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަންލް ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި، މި މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓް އެންޑް މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޝަކީބެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ޠާރިގެވެ.

މި އެއްބަސްވުމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗަކާއި ގުޅުންހުރި މައުލޫމާތު ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.