ޚަބަރު

މެލޭޝިޔާގައި ދިވެހިން ކުލަގަދަކޮށް ޢީދު ފާހަގަކޮށްފި


  • "އީދު އުފާ- މެލޭޝިޔާ" އިންތިޒާމުކުރީ ހައިކޮމިޝަނުން

  • ތަފާތު ސަގާފީ ހަރަކާތްތަކާ ކުޅިވަރުތައް ކުރިއަށްގެންދިޔަ

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކުލަގަދަކޮށް އަޟްޙާ އީދު ފާހަގަކޮށްފިއެވެ.

ހައިކޮމިޝަންގެ ފަރާތުން "އީދު އުފާ- މެލޭޝިޔާ"ގެ ނަމުގައި ކުއާލަލަންޕޫރުގައި މި ހަރަކާތް ކުރިއަށްގެންދިޔައީ އަޞްޙާ އީދަކީ އިސްލާމުން ފާހަގަ ކުރާ އެންމެ ބޮޑު އީދު ކަމަށްވުމާއެކު، އިސްލާމްދީނުގެ އާދަކާދަތައް ދަމަހައްޓައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މި އީދުގައި ދިވެހިންގެ އާދަކާދައާއި ސަޤާފަތް ދިރުވައި އާލާކުރުމުގެ މަޤުސަދުގައެވެ.

ދިވެހީންގެ އާދަކާދައާ އެއްގޮތަށް އީދު ދުވަހުގެ މެންދުރު ކެއުމުން ފެށި މި ހަރަކާތާއެކު އުޟުހިޔާ ކަތިލުމުގެ ކަންކަންވެސް ކުރިއަށްގެންދިޔައެވެ.

"އީދު އުފާ- މެލޭޝިޔާ" ހަރަކާތުގެ ތެރެއިން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކުޅިވަރު ކުޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ވާދެމުމާއި ގޯނި ރޭސް ފަދަ ކުޅިވަރުތައް ކުރިއަށްގެންދިޔައެވެ. އަދި ބޮޑުބެރު ޖެހުމާއި ސަޤާފީ ނެށުމާއި ބޮޑުމަހުގެ ހަރަކާތްވެސް އޮތެވެ.

މި ހަފްލާގައި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން، އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން 50 ދަރިވަރުން ބައިވެރިވެ ސަޤާފީ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ ފަރާތުން ދުވަހާ ގުޅޭ ސަޤާފީ އައިޓަމްތައް ހުށަހަޅާދީފައިވެއެވެ. މީގެ ތެރޭގައި ސަންވޭ ޔުނިވާރސިޓީ، ޓެއިލާރސް ޔުނިވާރސީޓީ އަދި އޭޝިޔާ ޕެސިފިކް ޔުނިވާރސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭ.ޕީ.ޔޫ) ގެ ދަރިވަރުން ހިމެނެއެވެ.

މި ހަފްލާގައި، ކުޑަކުދީންނަށް ޚާއްސަކޮށްގެން ޑިޒްނީ ކެރެކްޓާސް ދެއްކުމާއި، ފޭސް ޕެއިންޓިންގ، ކަޕް ކޭކްގައި އައިސިންގ ޖެހުން އަދި ފެންކުޅި ކުޅުން ކުރިއަށްގެންދިޔައެވެ. މި ހަފްލާގައި، ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ ލަކީ ޑްރޯއަކުން އެކި ބާވަތުގެ އަގުހުރި ހަދިޔާތައްވަނީ ބަހާފައެވެ. ހަފްލާ ނިންމާލީ އުލްހިޔާ ސަދަގާތް ކުރުމަށްފަހުގައެވެ. މި ހަފްލާގައި މެލޭޝިޔާގައި ދިރިއުޅޭ އާއިލާތަކުގެ އިތުރުން ގިނަ އަދަދެއްގެ ކިޔަވާކުދީން ބައިވެރިވިއެވެ.