އިނގިރޭސި ޕްރިމިއާ ލިގުގެ ކްލަބް ޗެލްސީގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ބޭނުންވަނީ ޗެލްސީ ދޫކޮށްލަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކަށް ޗެލްސީ ކޮލިފައިނުވާއިރު އުމުރުން 25 އަހަރުގެ ފެނާންޑޭޒް ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑް އިން ޝައުގުވެރިވާކަމަށް މީގެ ކުރިންވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ޗެލްސީ އާއިއެކު ފެނާންޑޭޒް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2032 ގެ ނިޔަލަށް ހަމަވާއިރު, އޭނާ ދޫކޮށްލާނީ އެ ކްލަބަށް 120 މިލިއަން ޕައުންޑް ދައްކާ ފަރާތަކަށްކަމަށް ޗެލްސީން ވަނީ ބުނެފަ އެވެ.
އެންޒޯ ފެނާންޑޭޒް ޗެލްސީ ދުކޮށްލުމުގެ ވާހަކަ ގަދަވެފައިވާއިރު ޗެލްސީ އިން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗުކަމަށް ޝަބީ އަލޮންސޯ ހަމަޖައްސާފަ އެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ބަދަލުކުރަމުންދާއިރު ފެނާންޑޭޒް އަކީ އޭނާގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ބެލެވެ އެވެ.
މިދިޔަ ސީޒަނުގައި 15 ގޯލު ޖަހާފައިވާ އެންޒޯ ފެނާންޑޭޒް, ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ޕީއެސްޖީ އަތުން ބަލިވި މެޗަށްފަހު ބުނެފައިވަނީ އަންނަ ސީޒަނުގައި ޗެލްސީގައި ހުންނާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޗެލްސީ އިން ވަނީ އެންޒޯ ފެނާންޑޭޒް އަށް ފިޔަވަޅުވެސް އަޅާފަ އެވެ.
އެންޒޯ ފެނާންޑޭޒްގެ އެޖެންޓް ހާވިއޭ ޕަސްޓޯރޭ ދަނީ ރެއާލް މެޑްރިޑާއިއެކު ރަގަޅު އެއްބަސްވުމެއް ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.