ޚަބަރު

ރަށްރަށާއި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ ޢީދު ނަމާދުކޮށްފި


  • މާލެ ސަރަހައްދުގައި 25 މިސްކިތެއްގައި ޢީދު ނަމާދު ކުރި

  • ގިނަ ބަޔަކު ވަނީ ޢީދު ނަމާދުގައި ބައިވެރިވެފައި

އަތޮޅު ތެރެއާއި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ ޢީދު ނަމާދުކޮށްފިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފިޠުރު ޢީދާއީ، އަޟްހާ ޢީދު ނަމާދު ކުރަނީ ބޮޑު ޖަމާޢަތުގައެވެ.

މިއަހަރުގެ ޢަޟްހާ ޢީދު މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް ވަނީ ބޮޑުޖަމާޢަތުގައި ކޮށްފައެވެ. އަޟްޙާ ޢީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކޮށްފައިވެއެވެ. އެއީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.

މި ތަންތަނުގައި ބޮޑު ޖަމާޢަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މިތަންތަނުގެ އިތުރުން 25 މިސްކިތެއްގައި ޢީދު ނަމާދު ވަނީ ކޮށްފައެވެ. އެގޮތުން މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މިސްކިތެއްގައި ވަނީކޮށްފައެވެ.

މާލެއާއި އަތޮޅު ތެރޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ ޢީދު ނަމާދުގައި ބައިވެރިވެފައެވެ. މާލެ ސަރަހައްދުގައި ޢީދު ނަމާދު ކުރި ފަރާތްތަކުން ވަނީ، ޕީއެސްއެމްނިއުސްއާއި ވާހަކަ ދައްކަމުން އެ ފަރާތްތަކުގެ އާއިލާއާއި ރައްޓެހިންނަށް ޢީދުގެ ތަހުނިޔާ ކިޔާފައެވެ.

ފަހަކަށް އައިސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާއިރު، ސަރުކާރުން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްއިން ދަސްވެނިވާ ކުދިން އިމާމުވެ ނަމާދު ކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވަނީ، ޒުވާން ޚަޠީބު އަލްހާފިޒު މުޙައްމަދު ހަނޫން ޙުސެއިންއެވެ.