ޚަބަރު

ރީޖަނަލް ލީގު ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް ކުޅެވޭނެ


  • ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ޖުލައި މަހު ފަށާނެ

  • މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައި

ނިމެމުންދާ ފުޓުބޯޅައިގެ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ކުޅޭ ކުޅުންތެރިންނަށް، ކުރިއަށް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅެން އެއްވެސް ހުރަހެއް ނެތްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ފުޓްސަލް މުބާރާތްތަކުގެ އެޓޯލް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ފަށަން ވަނީ ތާވަލުކޮށްފައެވެ. އަދި އެޓޯލް ޗެމްޕިއަންޝިޕް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ޖުލައި މަހު ފަށާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ރޭވިފައިވާ ގޮތަށް ބަލާއިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަޕަށް ވާދަކުރާނީ ޒޯން ޗެމްޕިއަންޝިޕް ނޫނީ ރީޖަނަލް ލީގު ކޮލިފިކޭޝަންގައެވެ. އަދި އެއަށްފަހު، ހަތަރު ރީޖަންގެ ޗެމްޕިއަނުން ވާދަކުރާނީ އަންނަ އަހަރު ބާއްވާ ރާއްޖޭގެ ޕްރިމިއަރ ފުޓްސަލް މުބާރާތުގައެވެ. އެފްއޭއެމް އިން ނިންމާފައި ވަނީ އަންނަ އަހަރު އޮންނަ ކްލަބް މޯލްޑިވްސްގެ އެލީޓް މުބާރާތަކީ ރާއްޖޭގެ ޕްރިމިއަރ ފުޓްސަލް މުބާރާތް ކަމަށެވެ.

މި މުބާރާތްތަކުގެ ބޭނުމަށް އެފްއޭއެމް އިން ރާއްޖެ ބަހާލާފައިވަނީ ހަތަރު ރީޖަން އަކަށެވެ. އެއީ ނޯތު ރީޖަންއާއި ސައުތު ރީޖަންގެ އިތުރުން ސެންޓްރަލް ރީޖަން އަދި މާލޭ ރީޖަންއެވެ. ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އެފްއޭއެމް އިން ބުނެފައިވާ ގޮތުގައި އަތޮޅު މުބާރާތުގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާންޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމް ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެފައިވާ ގޮތުގައި، ފުޓްބޯޅަ ސިސްޓަމް ތެރޭގައި ހިމެނޭ ކުޅުންތެރިންނަށް ފުޓްސަލް ނުކުޅެވޭ ގޮތަށް ހެދުމުގެ ވިސްނުމެއް އެފްއޭގެ ނެތެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ފުޓްސަލް އާއި ފުޓުބޯޅައަކީ ވަކި ދެ ކުޅިވަރެއްކަމުގައިވީ ނަމަވެސް ރާއްޖޭގައި މި ދެ ކުޅިވަރު ވެސް ޕްރޮފެޝަނަލް ފެންވަރުގައި ކުޅޭ ކުޅުންތެރިން ގިނައެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބައެއް ކުލަބުތަކުގެ ކޯޗުންގެ މެދުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.