ޚަބަރު

ޑައިމަންޑް ޖުބިލީ: ރާއްޖޭގެ ފުރަތަމަ މެޗު އަފްޣާނިސްތާނާއި ދެކޮޅަށް


  • މިއީ 9 އަހަރު ތެރޭގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާ ފުރަތަމަ ފަހަރު

  • މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާއި ޕާކިސްތާން

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ.

ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ޕާކިސްތާން ހިމެނޭހެން ޖުމްލަ ހަތަރު ޓީމުން ބައިވެރިވާ މި މުބާރާތުގެ ގުރުނެގުން ބާއްވާފައިވަނީ ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ އިތުރުން، ޤައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީއާއި އެފްއޭއެމްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ގުރު ނަންގަވައިދެއްވީ އެފްއޭއެމްގެ އެކްޒެކިއުޓިވް ކޮމިޓީގެ މެމްބަރު އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދާއި އެގްޒެކިއުޓިވް ކޮމިޓީގެ މެމްބަރު އަދި ކުރީގެ ގައުމީ ތަރި މުޙައްމަދު އުމެއިރުއެވެ.

މުބާރާތުގެ ގުރު ނަގާ ނިންމާފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ފާއިތުވީ ނުވަ އަހަރުގެ ތެރޭގައި ރާއްޖެއާއި އަފްޣާނިސްތާން ބައްދަލުކުރާނެ ފުރަތަމަ މެޗެވެ. އެންމެފަހުން މި ދެ ގައުމުން ފުޓުބޯޅައިގައި ކުރިމަތިލީ 2017 ވަނަ އަހަރު، ދުބާއީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އަފްޣާނިސްތާނުން އެންމެފަހުން ރާއްޖޭގައި މެޗެއް ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ އޭއެފްސީ ޗެލެންޖް ކަޕްގައެވެ. އެ ފަހަރު ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅެ، ޕެނަލްޓީގައި އަފްޣާނިސްތާން ވީ ބައްޔެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަންލް ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި، މި މުބާރާތުގެ އޮފިޝަލް ބްރޯޑްކާސްޓް އެންޑް މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ޝަކީބެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ޠާރިގެވެ.

މި އެއްބަސްވުމުގެ ދަށުން މުބާރާތުގެ ހުރިހާ މެޗަކާއި ގުޅުންހުރި މައުލޫމާތު ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.