ސްރީލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން، އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ ސްރީ ލަންކާގެ ހައި ކޮމިޝަނުން ނެރުނު ނޯޓިސްއެއްގައި ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ މީހުން މި މަހުގެ 25 އިން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ދިވެހިންނަށް ކުރިން ވެސް އޮންނަ ގޮތަށް އިތުރު ފީއަކާނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ތެރޭގައި ވަގުތީގޮތުން އުވާލި ނަމަވެސް މިހާރު އަނެއްކާ މިވަނީ އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ލަންކާ ހައި ކޮމިޝަނުން ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ ކޮންމެ ގައުމެއްގެ މީހަކު ވެސް އީީޓީއޭ ހުށަހަޅަންޖެހޭނެ ކަމަށެވެ.
ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުންނެވެ.
ސްރީލަންކާގެ އިމިގްރޭޝަން ގާނޫނުގެ ދަށުން، 40 ގައުމެއްގެ ރައްޔިތުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ވިސާ ދޫކުރާގޮތަށް މިމަހުގެ 7ވަނަ ދުވަހުގެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ލަންކާ ސަރުކާރުން ހުށަހެޅި މި ނިންމުމަކީ، މާޗް މަހުގެ ފަހުކޮޅު ކެބިނެޓުން ފާސްކޮށްފައިވާ މަޝްރޫއެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ނަމަވެސް، މި އުސޫލަށް އަމަލުކުރަން ފަށާނެ ތާރީޚެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
މި އުސޫލުގެ ދަށުން، ޝަރުތު ހަމަވާ ދަތުރުވެރިންނަށް 30 ދުވަހުގެ ހިލޭ ވިސާ ލިބޭނެއެވެ. އެހެންނަމަވެސް، މިއީ ގައުމަށް އެތެރެވުމަށް ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތްތަކުން އިސްތިސްނާވުމެއް ނޫނެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ދަތުރުކުރުމުގެ ކުރިން 'އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން' (އީ.ޓީ.އޭ) ހޯދަން ޖެހޭނެއެވެ. މި ނިންމުމުގެ ދަށުން ހިލޭކޮށްދީފައިވަނީ ހަމައެކަނި އީ.ޓީ.އޭ ވިސާގެ ފީއެވެ.
މިހާތަނަށް މި ހިލޭ ވިސާގެ ފުރުސަތު ދީފައިވަނީ ހަތް ގައުމަކަށެވެ. އެއީ ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، ޖަޕާން، މެލޭޝިއާ، ރަޝިއާ އަދި ތައިލެންޑެވެ. ލަންކާގެ މަޖިލީހުން ފާސްކުރި އައު ގަވާއިދާއެކު، އިތުރު ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި ލަންކާއިން މިވަނީ ރާއްޖޭ ހިމެނެހޭން 40 ގައުމަކަށް ފުޅާކޮށްފައެވެ.