ޚަބަރު

އިފްތިތާޙް ކުއާޓަރއަށް، ޖަމާލުއްދީނަށް މޮޅެއް


  • އިފްތިތާޙުން މެޗު ކާމިޔާބުކުރީ 0-5 ގެ ބޮޑު ތަފާތަކުން

  • އެޓީމު ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައި

  • ޖަމާލުއްދީން ސްކޫލްގެ ފުރަތަމަ މެޗުން ވަނީ 0-1 އިން ބަލިވެފައި

"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، ިއިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޢަރަބިއްޔާ ސްކޫލާ ވާދަކޮށް 0-5 ގެ ނަތީޖާއިން މަދްރަސަތުލް އިފްތިތާޙުން މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގަ ހޯދައިރު، ޖަމާލުއްދީން ސްކޫލް މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.

މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މިމެޗުގައި މަދްރަސަތުލް އިފްތިތާޙުން ލީޑު ނަގާފައިވަނީ 12 ވަނަ މިނެޓުގައެވެ. އޭގެ އެންމެ 3 މިނެޓު ފަހުން އެޓީމުގެ ދެވަނަ ގޯލު ފެނިގެންދިޔައިރު، އެޓީމުގެ ތިންވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފަހު ގޯލު، މަދްރަސަތުލް އިފްތިތާޙުން ކާމިޔާބުކޮށްފައިވަނީ އޭގެ އެންމެ މިނެޓެއް ފަހުންނެވެ.

ފުރަތަމަ ހާފު ނިންމާލި ފޯރީގައި ދެވަނަ ހާފު ފަށާ، މަދްރަސަތުލް އިފްތިތާޙުން ވަނީ ގިނައިރުތަކެއް ނުވެ، އެޓީމުގެ 5 ވަނަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ. މެޗުގައި އިތުރު ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ފަހު ވަގުތާ ޖެހެންދެންވެސް މަދްރަސަތުލް އިފްތިތާޙުން ވަނީ ޢަރަބިއްޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި ނަތީޖާއާއެކު، ގުރޫޕްގެ ދެމެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މަދްރަސަތުލް އިފްތިތާޙާއެކީ، ޢަރަބިއްޔާ ސްކޫލްގެ އިތުރުން ގުރޫޕް 6 ގައި ދެން ހިމެނުނީ ކ.އަތޮޅު މަދަރުސާއެވެ.

މިއަދުގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ޖަމާލުއްދީން ސްކޫލާއި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލެވެ. މިމެޗު، 0-10 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ޖަމާލުއްދީން ސްކޫލެވެ. ނަމަވެސް، އެޓީމުގެ ފުރަތަމަ މެޗުގައި ހުރަވީ ސްކޫލް އަތުން ބަލިވެ، ހުރަވީ ސްކޫލްގެ ދެ މެޗުވެސް ކާމިޔާބުކުރުމުން މި 3 ޓީމު ހިމެނޭ ގުރޫޕް 7 ކުން ކުއާޓަރއަށް ގޮސްފައިވަނީ ހުރަވީ ސްކޫލެވެ.