ދަރަނިތައް ދެއްކުމަށްފަހުވެސް ބޭނުންކުރެވޭ ރިޒާވުގައި 244 މިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދަރަނިތައް ދެއްކުމާއެކު ރަސްމީ ރިޒާވު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
މަރުކަޒީ ބޭންކުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވް އެޕްރީލް މަހުގެ ނިޔަލަށް ހުރީ، 717.9 މިލިޔަން ޑޮލަރުގައެވެ. މިއަދަދު މާރިޗު މަސް ނިމުނު އިރު 1.33 ބިލިޔަން ޑޮލަރުގައި ހުރިއިރު މިއީ 46 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ އެޕްރީލް މަހުގެ ދައުލަތުން އަދާކޮށްފައިވާ ދަރަނިތަކެވެ. ހަމައެކަނި އެޕްރީލް މަހު ސަރުކާރުން ވަނީ 924 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައެވެ.
ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަނީގެ ގޮތުގައި ދައްކާފައިވާއިރު، މި ދަރަނި ތަކަކީ އެކި ދުވަސްވަރު މަތިން ނަގާ މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރެވުނު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެއެވެ. މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވުން ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ރަސްމީ ރިޒާވު ދަށްވެގެން ދިޔައިރު، ބޭނުން ކުރެވޭ ރިޒާވުވެސް ހުރީ ދަށްވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. އެއީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ހުންނަ އަދަދެވެ.
ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 570 މިލިޔަން ޑޮލަރުގައެވެ. މި އަދަދު މާރިޗު މަހުގެ ނިޔަލަށް 1 ބިލިޔަން ޑޮލަރަށް ވުރެ މަތީގައި ހުރިއިރު މިހާ ބޮޑަށް ދަށްވެފައިވަނީ ދަރަނިތައް އަދާކުރުމުންނެވެ.
ދަރަނިތައް ދެއްކުމަށް ފަހު އެޕްރީލް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 244.2 މިލިޔަން ޑޮލަރެވެ. މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ 40 އިންސައްތައިގެ ދަށްވުމެކެވެ.
ސަރުކާރުން ދަރަނިތައް އަދާކުރުމުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާއިރު، މި މަސައްކަތްތައް ކުރަމުންދަނީ، އެއްވެސް ކަމަކަށް ދަތިނުވާގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ. އަދި އިތުރު އެއްވެސް ދަރަންޏެއް ނުނަގާ އިތުރު ރަހުނަކާ ނުލާ ދަރަނިތައް ދައްކާފައިވާއިރު، ރައްޔިތުންގެ ނަންމަތީ ނަގާފައި ހުރި ދަރަނިތައް އަދާކޮށް ރަހުނުކޮށްފައި ހުރި ތަންތަން އަނބުރާ ހޯދަމުންދާކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޤައުމުތަކުގެ ދަރަނިތައް ސަރުކާރުން ދައްކަމުންދާއިރު، ބޭރު ޤައުމުތަކާޢި އޮންނަ ގުޅުންތަކުގެ ތެރެއިން ދަރަނިތައް ދެއްކުމާއި އަދި އެނޫންވެސް ކަންކަމުގައި ލުއިތައް ހޯދަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.