ޚަބަރު

އޭދަފުށީގެ ދަނޑުގައި ދިއްދޫ އިން ޗެންޕިއަން އައްޑަނަ އުފުލާލައިފި


  • ދިއްދޫ އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިން

  • ހަނިމާދޫ ވަނީ 2-3 ގެ ނަތީޖާއިން މަނަދޫ ބަލިކޮށްފައި

މިހާރު ކުރިއަށްދާ ރީޖަނަލް ލީގުތަކުގެ ތެރެއިން ނޯތު ލީގުގެ ޗެމްޕިއަން އައްޑަނަ އޭދަފުށީގެ ދަނޑުގައި ދިއްދޫ އިން އުފުލާލާފުއެވެ. މެޗުގެ ކުރިން ވެސް ނޯތު ލީގުގެ ޗެމްޕިއަންކަން ކަަށަވަރުކޮއްފަވާ ދިއްދޫ ބ.އޭދަފުއްޓާ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މި ނަތީޖާ އެކު ނޯތު ލީގުގައި ހއ.ދިއްދޫއިން މިހާތަނަށް ދަމަހައްޓަމުން އައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު، އެޓީމު އަތުން ވަނީ ގެއްލިފައެވެ.

ލީގުގެ އެންމެ ފަހު މެޗުގެ ފުރަތަމަ ގޯލު ޖަހައި، ލީޑު ނަގާފައި ވަނީވެސް އޭދަފުށީ ޓީމުންނެވެ. މި ގޯލު ޖެހި ހިސާބުން ފެނިގެންދިޔައީ ދިއްދޫއިން ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފައްދިއެވެ. މެޗުގައި އެޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

ދެވަނަ ހާފުގައި ގޯލެއް ފެނިފައި ނުވިނަމަވެސް، ހާއްސަކޮށް ދިއްދޫގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ.

ނޯތު ލީގުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި، ޓީމް ހަނިމާދޫއިން ވަނީ ނޯތު ލީގުގައި އެޓީމުން ރަށުން ބޭރުގައި ހޯދި ހަމައެކަނި މޮޅު ހޯދާފައެވެ. ތާވަލުގެ ފުލުގައި އޮތް ނ.މަނަދޫއާ ވާދަކޮށް، ހަނިމާދޫއިން މެޗު ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.

ހަނިމާދޫ ރަށުން ބޭރުގައި ފުރަތަމަ ބައްދަލުކޮށްފައި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހއ.ދިއްދޫއާ އެވެ. އެމެޗުން ހަނިމާދޫ ބަލިވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗުގައި ބ.އޭދަފުއްޓާ ވާދަކޮށް، ހަނިމާދޫ ބަލިވެފައި ވަނީ 1-4 ގެ ނަތީޖާއިންނެވެ.

މިމަހު ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ދިވެހި ޕްރިމިއަރ ލީގު ކޮލިފައިން ޕްލޭއޯފްގައި ނޯތު ލީގުގެ ޗެންޕިއަން ހައިސިއްޔަތުން ދިއްދޫ ވާދަކުރާނެއެވެ.

ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ހަތަރު ޖާގައެއް މިހާތަނަށް ވަނީ ޔަގީންވެފައެވެ. އެއީ، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި އަށް ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ.

ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. މި ހަ ޓީމު ކުޅޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.