ޚަބަރު

ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑު ނަގައި، އޮޕަރޭޝަން ނިންމާލައިފި


  • ހަށިގަނޑު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން

  • ހަށިތައް އިޓަލީވިލާތަށް ފޮނުވައިލުމަށް ދަނީ މަޝްވަރާ ކުރަމުން

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ނުނެގި އޮތް 2 މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ، 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައެވެ.

ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ. މިމީހުންގެ ތެރެއިން 2 މީހުންގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު، މިއަދު ވަނީ އަނެއް ދެ މީހުންގެ ހަށިގަނޑުވެސް ކަނޑުން ނަގައި އޮޕަރޭޝަން ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އެމީހުންގެ ހަށިތައް ކަނޑުން ނެގުމަށްފަހު، ހަށިގަނޑު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެމީހުންގެ ހަށިތައް އިޓަލީވިލާތަށް ފޮނުވައިލުމާ ގުޅޭގޮތުން އެޤައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އިސް ތަރުޖަމާނު ވަނީ، އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީވެދިން ދިވެހި ދެ ކުންފުނިން ކޮށްދިން މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ދިފާޢީ ބާރާއި ފުލުހުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ޙާދިސާގައި ގެއްލުނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

މިމީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެކެވެ.