ދިވެހި ކަނޑުމަހަށް ހަމަ އަގު ހޯދައިދީ މަސްވެރިންނަށް އޭގެ ނަފާ ހޯދައި ދިނުމަކީ ސަރުކާރުތަކުން އަބަދުވެސް ވެފައިވާ ވަޢުދެކެވެ. މިވަޢުދު ފުއްދުމުގެ މަސައްކަތް އެކި މިންވަރަށް އެކި ދުވަސްވަރު ކުރެވިފައިވީނަމަސް، މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ހަކަތަ ލިބޭނެ އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނެތެވެ.
ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ މިއަދުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން ބޭރު ކުރާ މަހުގެ ބޮޑު އިންސައްތައެއް ބޭރު ކުރަން މަޖްބޫރުވެފައިވަނީ އަގު އެއް ނުކުރެވޭ ރޯ މަހުގެ ގޮތުގައެވެ. އެންމެ ބޮޑު ބާޒާރަކީ ތައިލެންޑެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާޢަތުގެ މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާނަމަ، އިނގިރޭސިވިލާތަކީ ދެވަނައަށް ދިވެހި މަސް ބޭރު ކުރާ އެންމެ ބޮޑު ބާޒާރެވެ. ތައިލެންޑާއި އިނގިރޭސިވިލާތުގެ ބާޒާރުގެ އެންމެ ބޮޑު ފަރަޤަކީ އިނގިރޭސި ބާޒާރަށް ބޭރުކުރަނީ، ރާއްޖޭގައި ޕްރޮސެސްކޮށް އަގުއެއްކުރެވި ބަންދުކޮށްފައިވާ މަހުގެ އުފެއްދުންތަކެވެ.
ހަމަ އެކަނި މިވޭތުވެދިޔަ އަހަރުތަކުގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާނަމަ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ 4 ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ. އަދި ރާއްޖެއިން ބޭރު ޕްރޮސެސްކޮށްފައިވާ ނުވަތަ އަގު ބޮޑު މަހުގެ އުފެއްދުންތަކުގެ 2 ބައިކުޅަ އެއްބަޔާއި ގާތްކުރާ އަދަދަކަށް އިނގިރޭސި ބާޒާރު ހިއްސާކުރެވެ. އެހެން ކަމުން މި ބާޒާރަށް ބޭރުކުރާ މަހުގެ ނިސްބަތް އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އިނގިރޭސި ބާޒާރަށް މަހުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު އިތުރުކުރަން ބަލާއިރު ބޮޑު ހުރަހެއް އޮތީ ކުރިމަތިވެފައެވެ.
ސަރުކާރުތަކުން މެދުނުކެނޑި އަބަދުވެސް ދައްކާ އެއް ވާހަކައަކީ އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރަން ނުވަތަ ކަނޑާލަން މަޝްވަރާކުރާ ވާހަކައެވެ. އެންމެ ކުރިން އިނގިރޭސި ބާޒާރަށް އަދި މުޅި ވިލާތުގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް ބޭރުކުރަމުން އައީ އެއްވެސް ޓެރިފަކާއި ނުލައެވެ. އޭރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައި ނުވާ ޤައުމެއްގެ ދަރަޖައިގަ އޮތް ޤައުމެއް ކަމުން ވިލާތުގެ އިއްތިހާދުން އެ ދަރަޖައިގަ ތިބި ޤައުމުތަކަށް އެ ޤައުމުތަކުގެ އުފެއްދުންތައް އެއްވެސް ޓެރިފަކާ ނުލާ ވިލާތަށް ބޭރުކުރުމަށް ފުރުސަތު ދިނެވެ.
ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް 2011 ވަނަ އަހަރު ބަދަލުވުމާއި، ގުޅިގެން 2014 ވަނަ އަހާރި ހަމައަށް އިންތިޤާލީ މަރުހަލާއެއްގެ ތެރެއިން ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތް ހިމެނޭހެން ވިލާތުގެ ޤައުމުތަކަށް އެއްވެސް ޓެރިފަކާއި ނުލާ ބޭރުކުރެވުނެވެ. ނަމަވެސް 2014 ވަނަ އަހަރު ދިވެހިރާއްޖެ ކުރިމަތިލާންޖެހުނީ މިމާކެޓުގައި %24 ޓެރިފަކާއެވެ. މިއީ ދިވެހި މަހަށް ބޮޑު އަގެއް ލިބެމުން ދިޔަ ބޮޑު ބާޒާރެއްގެ ތެރެއިން ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
އެއެއާއެކު ދިވެހި ސަރުކާރުން އަަވަސް ވެގަތީ، މަޝްވަރާތަކުގެ ތެރެއިން މި ޓެރިފް ކެނޑުމަށެވެ. ނަމަވެސް ވިލާތުގެ އިއްތިހާދާއެކު ކުރެވުނު މަޝްވަރާތައް ކާމިޔާބު ނުވެ އޮވެ، އިނގިރޭސި ވިލާތް، ވިލާތުގެ އިއްތިހާދުން ބޭރުވިއެވެ. މިއާއެކު އިނގިރޭސި ސަރުކާރުން ވިޔަފާރީގެ އެއްވެސް އެއްބަސްވުމެއް ނެތް ޤައުމުތަކަށް ޖުމްލަ %20 ޓެރިފެއް 2021 ވަނަ އަހަރު ކަނޑައެޅިއެވެ. ރާއްޖެވެސް ހިމެނުނީ މި ލިސްޓުގައެވެ.
މިކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އިންޑިއާ ކަނޑުން މަސްވެރިކަން ކުރާ ލަންކާ، ސީޝެލްސް، މޮރިޝަސް އަދި މަޑަގަސްކަރަ އަށް އެއްވެސް ޓެރިފަކާއި ނުލާއި މަހުގެ އުފެއްދުންތައް، ތަފާތު ނަންނަމުގައި ހަދާފައި ހުރި އެއްބަސްވުންތަކުގެ ތެރެއިން ބޭރުކުރެވޭ ކަމެވެ. މި ޤައުމުތަކަކީ ދެމެހެއްޓެނި މަސްވެރިކަމަށް އިސްކަންދޭ ޤައުމުތަކެއް ނޫނެވެ. ނަމަވެސް ރާއްޖެއިން ބާނާ މަހުގެ ބާވަތްތައް މި ޤައުމުތަކުން ބޭރުކޮށް ރާއްޖެއަށް ވުރެ ހެޔޮ އަގެއްގައި ވިއްކައިގެން ބޮޑު ފައިދާއެއް ދަނީ ހޯދަމުންނެވެ.
ޔޫރަޕުގެ އިއްތިހާދާއި ޚާއްސަކޮށް އިނގިރޭސިވިލާތާއެކު މަޝްވަރާގެ މޭޒު ދޮށުގައި ތިބޭތާ މިވަނީ 12 އަހަރު ވެފައެވެ. ސަރުކާރުތަކުން އަބަދުވެސް މަޝްވަރާތައް ކުރިއަށްދާ ވާހަކަ ދައްކައެވެ. ކާމިޔާބުކަމަށްވެސް ބުނެއެވެ. ކުރީގެ ސަރުކާރުތަކުން މަޝްވަރާތަކުގެ ކާމިޔާބީ އިއުލާންކޮށް މަރުހަބާވެސް ކިޔާފައިވެއެވެ. އޭގެ އެއް މިސާލަކީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް ޚިޔާލު ހޯދުމަށް އިއުލާންކުރުމުން އެކަން ފާހަގަކުރުމެވެ.
ނަމަވެސް އިންތިޚާބުތައް ކައިރިވެ، ސަރުކާރަށް އަންނަ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް އެ ސަރުކާރުން ދެން އިއުލާންކުރީ އިނގިރޭސި ސަރުކާރުން ލުއި ދޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ކުރިއަށް 17ރ އަށް ހުރި މަހުގެ ޓެރިފް 25 ރުފިޔާއަށް ބޮޑު ކުރިއެވެ. ނަމަވެސް އަގު ބޮޑުކުރުމުން ދައުލަތަށް އުފުލަން ޖެހުނީ އިންތިހާ ބޮޑު މާލީ ބުރައެކެވެ. މިކަމުގެ ސަބަބުން އަހަރެއް މައްޗަށް މަހުގެ ސަބްސިޑީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ޚަރަދު ކުރަން ޖެހުނެވެ. އަދި މަސްވެރިންނަށް ފައިސާ ނުދެވި ބޮޑު ބެކްލޮގަކަށް ދާންޖެހުނެވެ.
ކަން މިހެން އޮތްއިރު، އަދުގެ ސަރުކާރުން ވަނީ އިނގިރޭސިވިލާތާއެކު ކުރަމުން އަންނަ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާކަން މީގެ ކުރިން އިއުލާންކޮށްފައެވެ. ނަމަވެސް ނަތީޖާއެއް ނުލިބެނީސް މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ނުދެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިދިޔަ އަހަރު ޖުލައި މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ރަސްގެފާނު ޗާލްސްއާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަދި އިނގިރޭސި ސަރުކާރުގެ ޤާނޫނު ހަދާ މަޖިލީހުގެ އިސްފަރާތްތަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން، އިނގިރޭސިވިލާތާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އިޤްތިޞާދީ ވުޒާރާއާއި ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އަދި ދިވެހި މަސްވެރިކަމުގެ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްފައިވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކުރަން އެޅުނު މުހިންމު ބިންގަލެކެވެ.
މިއަދު ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ޓެރިފް ކަނޑާލަން ނިންމިއިރު، މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ސަރުކާރުން ކުރަމުން އައި މަޝްވަރާތަކުން ނަތީޖާ ނެރެވޭކަން ދައްކުވައި ދިން އަލިގަދަ ހެއްކެކެވެ.
މީގެ ފައިދާ މުސްތަޤުބަލަށް އިންތިހާއަށް ބޮޑެވެ. ދިވެހި މަހުގެ އުފެއްދުންތަކަށް ހަމަ އަގު 12 އަހަރަށް ފަހު އަނެއްކާވެސް ލިބެން ފަށާނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.