"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓަރގެ ފަހު މެޗުގައި 1-4 ގެ ނަތީޖާއިން އިސްކަންދަރު ސްކޫލް ބަލިކޮށް، ސެމީފައިނަލްގެ ފަހު ޖާގަ، ދަރުމަވަންތަ ސްކޫލުން ހޯދައިފިއެވެ.
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގަ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވެސް ވަނީ ދަރުމަވަންތަ ސްކޫލުންނެވެ. ލިބުނު ކޯނަރަކުން ދަރުމަވަންތަ ސްކޫލުން މިގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ.
ދަރުމަވަންތަ ސްކޫލުގެ ދެވަނަ ގޯލު، އޭގެ އެންމެ 5 މިނެޓު ފަހުން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުންނެވެ. އެޓީމުން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފައެވެ. ދަރުމަވަންތަ ސްކޫލުގެ ފަހު ގޯލު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން، މެޗުގެ 33 ވަނަ މިނެޓުގައެވެ.
މިމެޗުގައި އިސްކަންދަރު ސްކޫލުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މިއީ، އެޓީމަށް ލިބުނު ކޯނަރަކުން ކާމިޔާބުކުރި ގޯލެކެވެ.
ދަރުމަވަންތަ ސްކޫލުގެ އިތުރުން މުބާރާތުގެ ސެމީފައިނަލަށް ގޮސްފައިވަނީ އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށި ސްކޫލް އަދި ކަލާފާނު ސްކޫލެވެ. މުބާރާތުގެ ސެމީފައިނަލް މެޗުތައް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.