ޚަބަރު

އިރާނުގެ ސްކޮޑުން އަޒްމޫން އަށް ފުރުސަތެއް ނުލިބުނު


ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ސްކޮޑު, އިތުބާރު ފޯވަޑް ސަރްދާރް އަޒްމޫނު ނުހިމަނާ އިއުލާން ކޮށްފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އަޒްމޫން އިރާނުގެ ސްކޮޑުން ބޭރުކޮށްފައިވަނީ އެމެރިކާ އާއި އިރާނާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅުވުމުގެ ސަބަބުންނެވެ.

އިރާނުގެ ކޯޗު އިއްޔެ އިއުލާންކުރި 30 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރެލިމިނަރީ ސްކޮޑުގައި އުމުރުން 31 އަހަރުގެ އަޒްމޫން ހިމަނާފައިނުވާއިރު, ދުބާއީގެ އަލް ޝަބާބު އަށް ކުޅެމުންދާ އަޒްމޫން ވަނީ މިދިޔަ މާޗް މަހު ދުބާއީގެ ރޫލަރ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އާއިއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓް ކޮށްފަ އެވެ.

އަޒްމޫން ވަނީ ފަހުން އެ ފޮޓޯ އިންސްޓަގްރާމް އެކައުންޓުން ފޮހެލާފަ އެވެ. ނަމަވެސް އިރާނުގެ ގައުމީ ޓީވީ އިން ވަނީ އެކަމާއި ގުޅޭ ގޮތުން އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އަޒްމޫން ވަނީ ފާއިތުވެދިޔަ ދެ ވޯލްޑްކަޕްގައިވެސް އިރާނުގެ ޓީމަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ އިރާނުގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 91 މެޗުގައި ޖުމްލަ 57 ލަނޑު ޖަހާފަ އެވެ.

އަންނަ ޖުން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ޓީމުގެ ފޯވަޑް ލައިންގައި މި ފަހަރު އިސް ދައުރެއް އަދާކުރާނީ މެހްދީ ތަރޭމީ އެވެ. ޔޫރަޕްގެ މަޝްހޫރު ލީގުތަކުގައި ކުޅެފައިވާ ތަރޭމީ މިހާރު ކުޅެމުންދަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށެވެ.

އެމެރިކާ އަށް ދިއުމުގެ ކުރިން އިރާނުގެ ޓީމު ޓްރެއިނިންގ ކޭމްޕެއްގައި ތުރުކިޔޭއަށް ފުރާނެ އެވެ.